ދުނިޔެ

"ބައިޑަންގެ ދަތުރަށް ފަހު ޔަހޫދީން ޣައްޒާއަށް އަރައިގަންނާނެ"

ޔަހޫދީ އަސްކަރިއްޔާއިން ޣައްޒާއަށް އެއްގަމު މަގުން އަރައިގަތުމަށް ވާންޖެހޭ ހުރިހާ ތައްޔާރެއް ހުރީ ރާވައި ނިންމާފައި ކަމަށް ޖަރުމަނުގެ ނޫހަކުުން ބުނެފި އެވެ.

ޔަހޫދީ ޓޭންކްތައް ޣައްޒާ ތެރެއަށް ވަދެގަންނާނީ -- އެމެރިކާގެ ރައީސް ޖޯ ބައިޑަން ޔަހޫދީ ދައުލަތަށް މިހާރު ކުރައްވާ ދަތުރު ނިންމާލެއްވުމުން ކަމަށްވެސް އެ ނޫހުގައި ވެއެވެ.

ބައިޑަން، ޔަހޫދީ ބޮޑުވަޒީރާ ބައްދަލުކުރައްވައި އަސްކަރިއްޔާގެ ވެރިންނަށް އިރުޝާދުދެއްވާއިރު ހަނގުރާމަ މަޑުޖައްސާލަނެ ކަމަށްވެސް ހަބަރުތައް ބުނެ އެވެ. އަދި ޣައްޒާ ހިސޯރުކުރުމަށް އިތުރު އެއްވެސް ކަމެއް ޔަހޫދީން ނުކުރާނެ ކަމަށްވެސް ބުނެ އެވެ.

ނަމަވެސް ޖަރުމަނުގެ ނޫހުން ބުނާ ގޮތުން ބައިޑަން އެނބުރި އެމެރިކާއަށް ވަޑައިގަތުމާ އެކު ޣައްޒާއަށް ވަޔާއި ކަނޑުން ދެމުންދާ ހަމަލާތައް ވަރުގަދަކޮށް އެއްގަމު މަގުން އަރައިގަތުމަށް އޮތް ރޭވުންތައް ތަންފީޒުކުރާނެ އެވެ.

ބައިޑަންގެ މި ދަތުރަކީ ހަމާސް އިން ޔަހޫދީންނަށް ދެމުންދާ ހަމަލާތަކުގައި އެމެރިކާ އޮތީ ޔަހޫދީންނާ އެކުގައިކަން ދުނިޔެއަށް ދެއްކުމަށް ކުރައްވާ ދަތުރެކެވެ.

ވަށައިގަން ބައްދާފައި އޮތް ޣައްޒާއަށް ދުނިޔޭގައި ހުރި އެންމެ ޒަމާނީ ހަތިޔާރުތަކުން ޔަހޫދީން ހަމަލާދެމުންދާއިރު އެމެރިކާ އާއި، އިނގިރޭސިވިލާތް، ޖަރުމަން އަދި ފަރަންސޭސިން ވެސް ތިބީ ޔަހޫދީންނާ އެކު އެވެ.

ހަމާސް އާއި އިސްލާމިކް ޖިހާދު އަދި ހިޒްބުﷲ އިން ޔަހޫދީންނަށް ދީފާނެ އިތުރު ހަމަލާއަކަށް ތައްޔާރުވުމަށް އެމެރިކާގެ މަތިންދާބޯޓު އުފުލާ އެންމެ ޒަމާނީ ދެ މަނަވަރުވެސް މިހާރު އޮތީ ޔަހޫދީންނަށް އަތްފޯރާ ފަށުގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޔަހޫދި އާބާދީތަކާ އިންވެގެން އޮތް ސަރަހައްދު ތަކުގައި، ޣައްޒާއަށް އަރައިގަތުމަށް ފަސޭހަވާ ގޮތަށް ޔަހޫދީން ދަނީ ޓޭންކާއި ބޮޑުބަޑި އަދި ސިފައިންގެ ފައުޖުތައް ރުކުރުވާލަމުންނެވެ.

ޔަހޫދީ އަސްކަރިއްޔާ އިން ޝަރުތުކުރާ ރިޒާވުން ނެރުނު ސިފައިންވެސް މިހާރު ތިބީ ޣައްޒާއަށް އަރައިގަތުމަށް ލޭހޫނުކޮށްގެންނެވެ.

ޔަހޫދީ އަސްކަރިއްޔާ އިން ބުނާ ގޮތުން އެއްގަމު މަގުން ޣައްޒާއަށް އަރައިގަތުމުގެ ބޭނުމަކީ ހަމާސްގެ ހަނގުރާމަވެރިން ތިބި ތަނަކުން ނެރެ ބޯކެނޑުމެވެ. ހަމާސްއަށް ތާއީދުކުރާ މީހަކު އަތުޖެހުނަސް ކުޅި ދައްކާލާނެ ކަމަށް އޮތީ ބުނެފަ އެވެ.

ޣައްޒާއާށް އެއްގަމު މަގުން އަރައިގަތުމަކީ ހަނގުރާމަ މުޅި ސަރަހައްދަށް ފެތުރިދާނެ ކަމެއް ކަމަށް އީރާނުން އޮތީ ބުނެފަ އެވެ. ޔަހޫދީ ސިފައިން އެއްގަމު މަގުން އަރައިގެންފިނަމަ ޣައްޒާ ވެގެންދާނީ ޔަހޫދީންނަށް ގަބުރުސްތާނަކަށް ކަމަށްވެސް އިރާން އޮތީ ބުނެފަ އެވެ.