ރައްޔިތުންގެ މަޖިލިސް

އިޒްރޭލު މީހުން ރާއްޖެ އައުން މަނާކުރާ ބިލެއް މަޖިލީހަށް

އިޒްރޭލު މީހުން ރާއްޖެ އައުން މަނާކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

މި ބިލް ހުށަހެޅީ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް އެވެ.

ބިލާ އެކު މަޖިލީހަށް ހައިތަމް ފޮނުއްވި ސިޓީގައި ވިދާޅުވީ އިޒްރޭލުން 1948 ވަނަ އަހަރުން ފެށިގެން ހުއްޓުމެއް ނެތި ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް ލާ އިންސާނީ އަމަލުތައް ހިންގަމުންދާ ކަމަށެވެ.

އެހެންކަމުން އިޒްރޭލުގެ ޕާސްޕޯޓުގައި އެ ގައުމުގެ މީހުން ރާއްޖެ ކަހަލަ މުސްލިމު ގައުމަކަށް އައުމަކީ އިންތިހާއަށް ކަންބޮޑުވެ ބިރުގަންނަންޖެހޭ ކަމެއް ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ. އެހެންވެ އިޒްރޭލުން މީހުން ރާއްޖެ އައުން މިހާރުން މިހާރަށް ހުއްޓުވުމަށް ކަމާ ގުޅޭ އިދާރާތަކަށް ގޮވާލާފައިވެ އެވެ.

ހައިތަމް ވިދާޅުވީ އިޒްރޭލުގެ އަނިޔާތަކާ ގުޅިގެން ފަލަސްތީންގެ އެތައް ބަޔަކު ޝަހީދުވެ މުޅި އުމުރު ގޯތި ގެދޮރު ގެއްލި ރެފިއުޖީންނަށް ބަދަލުވެފައިވާ ކަމަށެވެ.

"ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ލާ އިންސާނީ ކަންކަމަކީ އިންސާނީ ހައްގުތަކާ ދެކޮޅު ކަންކަން،" ހައިތަމް ވިދާޅުވެފައިވެ އެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ހައިތަމް ވަނީ ކުށްވެރިވެސް ކުރައްވާފަ އެވެ.