ޔަހޫދީ އަސްކަރިއްޔާއިން ބުދަދުވަހު ޣައްޒާގެ އަލްއަހްލީ އަރަބް ހޮސްޕިޓަލަށް ދިން މިސައިލް ހަމަލާގައި، ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުން 471 މީހަކު ވަނީ މަރުވެފަ އެވެ. މީގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވަރަށް ގިނަ އަދަދަކަށް ހިމެނެ އެވެ.
ހޮސްޕިޓަލަށް އެރިި މިސައިލަކީ، ޔަހޫދީ ދައުލަތުން ބުނާ ގޮތުން ޣައްޒާގައި ހަރަކާތްތެރިވާ އިސްލާމިކް ޖިހާދުގެ ހަނގުރާމަވެރިން ފޮނުވާލި މިސައިލެކެވެ. މި މިސައިލް ވަކި ހިސާބަކަށް އަރައި ބާރުކެނޑިގެން ބިމަށް ވެއްޓި ގޮވީ އެވެ. ކަންދިމާކުރި ގޮތުން މިސައިލް ވެއްޓުނީ ހޮސްޕިޓަލުންގެ ގޯތިތެރެއަށް ކަމަށް ޔަހޫދީން ބުނެ އެވެ.
މި ހާދިސާ ދިރާސާކުރާ ސަލާމަތީ ތަޖުރިބާކާރުން ދެކޭ ގޮތުގައި ޔަހޫދީ ދަައުލަތުން އެ ހަދަނީ ދޮގެކެވެ.
ޔަހޫދީ ދައުލަތުގެ ދިފާއީ ނިޒާމް، އަޔަން ޑޯމްއަށް ނޭނގޭ ގޮތަށް ޣައްޒާއިން ފަޓަހެއް ވެސް ނުޖެހޭނެ ކަމަށް ބުނެ ޔަހޫދީން ދައުވާކުރާއިރު، އިސްލާމިކް ޖިހާދުން ޔަހޫދީ އާބާދިތަކަށް އަމާޒުކޮށް ރޮކެޓެއް ފޮނުވާލިިކަން އަޔަން ޑޯމަށް ނޭނގުނީ ކިއްވެތޯ ތަޖުރިބާކާރުން ސުވާލު އުފައްަދަ އެވެ.
އިސްލާމިކް ޖިހާދުން ރޮކެޓެއް ފޮނުވާލައި އަދި ބަލަހައްޓައިގެން ތިއްބައި ހޮސްޕިޓަލެއް، އާނުން ދިރިއުޅޭ ސަރަހައްދަކަށް އަމާޒުވެދާނެ ކަމަށް ބެލެވޭ ނަމަ، އެ ރޮކެޓް މަތިގައި އޮއްވައި ގޮއްވާލުމުގެ ކުޅަދާނަކަން އިސްލާމިކް ޖިހާދަށް ލިބިގެންވާ ކަމަށް ވެސް ތަޖުރިބާރުން ބުނެ އެވެ.
ހަނގުރާމަވެރި ގުރޫޕްތަކުން ގެންގުޅޭ ރޮކެޓްތަކަކީ ވެސް ޓެކްނޮލޮޖީ ގޮތުން ފެންވަރު ރަނގަޅު ރޮކެޓްތަކެއް ކަމަށް ވެސް ދިރާސާކުރާ މީހުން ބުނެ އެވެ. މިހެންކަމުން ރޮކެޓް ބިމުގައި ޖެހުމުގެ ކުރިން 50-100 މީޓަރު މަތިގައި އޮއްވައި ގޮއްވާލުމުގެ ގާބިލުކަން ހަނގުރާމަވެރިންނަށް ލިބިފައިވާ ކަމަށް ވެސް ތަޖުރިބާކާރުން ބުނެ އެވެ.
ބިމުގައި ޖެހުމުގެ ކުރިން ގޮއްވާލެވިއްޖެ ނަމަ މީހުން މަރުވާ ނިސްބަތް ބޮޑުތަނުން މަދުކުރެވޭނެ ކަމަށް ވެސް ތަޖުރިބާކާރުން ދެކެ އެވެ.
ސަލާމަތީ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ހޮސްޕިޓަލަށް އަރާފައި ހުރި ހަމަލާ އަކީ އެ އެއްޗަކުން ދެވޭނެ އެންމެ ބޮޑު ގެއްލުމަކަށް ވިސްނައިގެން ދީފައިވާ ހަމަލާއެކެވެ. ތަޖުރިބާކާރުންނަށް ގަބޫލުކުރެވެނީ އެއީ ޔަހޫދީންގެ ފައިޓަރު ޖެޓަކުން ވައްޓާލި ބޮމެއް ކަމަށެވެ.
ހޮސްޕިޓަލުގެ ގޯތި ތެރެއިން ފެނިފައި ހުރި އެތިކޮޅުތަކަށް ބަލާއިރު ވެސް، ތަޖުރިބާކާރުން ދެކޭ ގޮތުގައި އެއީ ބާރު ދުވެލިގައި އަދި ވަކި އޭންގަލަކުން އައި އެއްޗެކެވެ. މިފަދައި ހުރިން ހެކިތަކަށް ބަލާއިރު ސަލާމަތީ ތަޖުރިބާކާރުންނަށް ބުރަވެވެނީ ހޮސްޕިޓަލަށް ހަމަލާދިނީ ޔަހޫދީ އަސްކަރިއްޔާއިން ދުރާލައި ރާވައިގެން އަދި ވަރަށް މޮޅަށް ހިސާބު ވެސް ހަދައިގެން ކަމަށެވެ.
ޣައްޒާ ހޮސްޕިޓަލަށް ދިން ހަމަލާ އަކީ ޔަހޫދީ އަސްކަރިއްޔާ އިން ދިން ހަމަލާއެއް ކަމަށް ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ތަރުޖަމާން ހަނާނިޔާ ނަފްތަލީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ވަރަށް އަވަހަށް މި ޕޯސްޓް ވަނީ ނަގާފަ އެވެ.