މި އަހަރު ޖޫން މަހު ޗައިނާގެ ކުންމިންގައި ބާއްވާ ޗައިނާ ސައުތު އޭޝިއާ އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު މިމަހު ނިޔަލަށް އިތުރުކޮށްފި އެވެ.
މީގެ ކުރިން އިކޮނޮމިކް މިނިސްޓްރީ އިން ކަންޑައަޅާފައި ވަނީ މި އެކްސްޕޯގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ދިވެހި އުފެއްދުންތަކުގެ ސާމްޕަލް ނުވަތަ އެތަކެތީގެ ފޮޓޯ މިމަހު 15 ގެ ކުރިން ފޮނުވުމަށެވެ. އެހެން ނަމަވެސް މިއަދު އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ޕްރެސްކޮންފަރަންސް އެއްގައި ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު ވިދާޅުވީ ގިނަ އުފެއްދުންތެރިންގެ އެދުމުގެ މަތިން އެ މުއްދަތު މިމަހުގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށެވެ.
ތައުފީގު ވިދާޅުވީ ޗައިނާ ސައުތު އޭޝިއާ އެކްސްޕޯގައި މިއަހަރު ރާއްޖެއަށް "ކަންޓްރީ އޮފް އޮނަރ" ކަން ލިބިފައިވާ އިރު މި ފެއާގައި ގިނަ ބަޔަކު ބައިވެރިކޮށްގެން ދިވެހި އުފެއްދުން ތަކެއް ދައްކާލުމަކީ މިނިސްޓްރީގެ ބޭނުންވާ ކަމެއް ކަމަށެވެ. އަދި ދިވެހި އުފެއްދުންތައް އިތުރު ކުރުމަށްޓަކައި ރާއްޖޭގައި ވެސް މިފެއާ ކޮންމެ އަހަރަކު ބޭވުމަށް ހަމަޖެހިފައިވާ ކަމަށާއި އެކި ގައުމުތަކުގައި ވެސް ރާއްޖޭގެ އުފެއްދުންތައް ދައްކާލުމަށް ފެއާތަކުގައި ބައިވެރިވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ތައުފީގު ވިދާޅުވި އެވެ.
"މިހާރުވެސް 40 ފަރާތަކުން ތަކެތި ހުށަހަޅާ ބައިވެރި ވާނެ ކަމަށް ވަނީ ބުނެފަ. މީގެ އިތުރުން ސަރުކާރު ކުންފުނި ތަކުންނާއި އަދި ޕްރައިވެޓް ކުންފުނި ތަކުން ވެސް ވަނީ ބައިވެރި ވާނެ ކަމުގެ ފެހި ސިގުނަލް ދީފަ،" ތައުފީގު ވިދާޅުވި އެވެ.
ތައުފީގު ވިދާޅުވި ގޮތުގައި މިމަހުގެ ނިޔަލަށް ހުށަހެޅިފައިވާ އުފެއްދުންތަކުގެ ތެރެއިން ޗައިނާ އަށް ގެންދާނެ ކަމަށް ސަރުކާރުން ކަންޑައަޅައި ތަކެތި އެޕްރީލް 10 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އުފެއްދުންތެރިންނަށް އެކްސްޕޯގެ ކަންތައްތައް އިތުރަށް ފަސޭހަ ކުރުމަށް ފެއާގައި ބައިވެރިވުމުގެ ހުރިހާ ހަރަދެއް ބަލަހައްޓަނީ ސަރުކާރުންނެވެ. އެގޮތުން ހިލޭ ގެންދިޔުމުގެ އިތުރުން ޗައިނާއަށް ނުދެވޭ ފަރާތްތަކުގެ ޕްރޮޑަކްޓު މިނިސްޓްރީގެ އޮފިޝަލެއް މެދުވެރިކޮށް ޗައިނާގައި ވިއްކުމުގެ ފުރުސަތު ދޭނެ ކަމަށް ތައުފީގު ވިދާޅުވި އެވެ.