އަފްޣާނިސްތާން

އަފްޣާނިސްތާންގެ 200 އާއިލާއަކަށް އައިއޭސީގެ އެހީ

އާފްޣާނިސްތާނަށް މީގެ ދެ ހަފްތާ ކުރިން އައި ބާރުގަދަ ބިން ހެލުމުގައި ހާލުގައި ޖެހުނު މީހުންގެ ތެރެއިން 200 އާއިލާ އަކަށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން އެހީވެއްޖެ އެވެ.

އަފްޣާނިސްތާނަށް މިމަހުގެ ހަތްވަނަ ދުވަހު 6.3 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިން ހެލުމުގައި 1،300 މީހުން މަރުވެ 43،000 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ. މަރުވި މީހުންގެ އަދަދު 2000 އިން މައްޗަށް ގޮސްފައިވާ ކަމަށްވެސް މަދު ބައެއް ރިޕޯޓްތަކުގައި ބުނެފައިވެ އެވެ.

އަފްޣާނިސްތާންގެ ހުޅަނގު ސަރަހައްދަށް އައި ބިން ހެލުމާ ގުޅިގެން 21،000 އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

ބިން ހެލުމާ ގުޅިގެން އަފްޣާނިސްތާންގެ ރައްޔިތުންނަށް އެހީވުމަށްޓަކައި އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ބައިނަލްއަގްވާމީ ފެންވަރުގައި ހަރަކާތްތެރިވާ ރާއްޖޭގެ އަމިއްލަ ޖަމިއްޔާ -- އައިއޭސީ އިން މިހާރު މިވަނީ އެހީގެ ބައެއް ތަކެތި ފޮނުވާފަ އެވެ. އެގޮތުން އައިއޭސީ އިން މިހާރު ވަނީ ހާލުގައި ޖެހިފައިވާ 200 އާއިލާ އަކަށް އެހީވެފަ އެވެ.

އައިއޭސީ އިން ދިން އެހީގެ ތެރޭގައި ހިމެނެނީ ރަޖާ، ބަދިގޭގައި ހިފާ ގެންގުޅޭ ސާމާނު އަދި އިށީނދެ އިނުމަށް ބޭނުން ކުރާ ސާމާނެވެ.

އައިއޭސީ އިން ބުނި ގޮތުގައި މި ހުރިހާ އެހީއަކީވެސް ދިވެހި ރައްޔިތުންގެ ފަރާތުން ލިބިފައިވާ އެހީ އެވެ.