އަފްޣާނިސްތާން

އަފްގާނިސްތާނުގެ "އެއް ކިޑްނީ އަވަށް"

އަފްޣާނިސްތާނުގެ ހީރާތު ސިޓީގެ ހުޅަނގުގައި އޮންނަ ސޭޝަންބާ ބާޒާރަކީ ފަގީރުންގެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ އަވަށެކެވެ. މިއަވަށުގެ ގިނަ މީހުންނަކީ ފަގީރުކަމުން ޒަރޫރީ ބޭނުންތައްވެސް ފުއްދަން ދަތިވެފައިވާ މީހުންނެވެ. އެހެންވެ ފަގީރުކަމުން އަރައިގަތުމަށްޓަކައި މިއަވަށުގެ މީހުން ކުރާ ކަމަށް ބުނާ މަޝްހޫރު ކަމެއް އޮވެ އެވެ. އެއީ މި އަވަށުގެ ގިނަ ބަޔަކީ ވަކިން ހާއްސަކޮށް ފުރާވަރުގެ ގިނަ ޒުވާނުންނަކީ އެމީހުންގެ އެއް ކިޑްނީ ކޮންމެވެސް މީހަކަށް ވިއްކާލާފައިވާ މީހެކެވެ.

މި މީހުން އެކަން ކުރަނީ ބަނޑުފުރާނަމުއްތި ކުރުމަށްޓަކައި ބޭނުންވާ ތަކެތި ގަތުމަށް ފައިސާ ލިބޭނެ މާގިނަ ގޮތްތަކެއް ނެތުމުން މަޖުބޫރު ވެގެންނެވެ. މިއަވަށުގެ ގިނަ ބައެއްގެ އެއް ކިޑްނީ ވިއްކާލާފައިވާތީ މި އަވަށް މަޝްހޫރު ވެފައި އޮންނަނީވެސް "އެއް ކިޑްނީ އަވަށް"ގެ ގޮތުގައެވެ.

ހީރާތު ސިޓީގެ ސޭޝަންބާ ބާޒާރު ސަރަހައްދުގައި އެއް ކިޑްނީ ވިއްކާލި މީހުންގެ ތެރޭގައި ހިމެނޭ ގުލާމް ނެބީ އެކަން ކުރަން މަޖުބޫރުވި ގޮތާއި އަދި އޭގެފަހުން ދިމާވި ހިތްދަތި ބައެއް ކަންކަން ހިއްސާކުރި އެވެ. އެގޮތުން ގުލާމް ބުނީ އޭނާވެސް ހިމެނޭހެން އެ އާއިލާގެ ފަސް މީހުން ވަނީ އެއިން ކޮންމެ މީހެއްގެ އެއް ކިޑްނީ ވިއްކާލާފަ އެވެ.

ގުލާމް އޭރު އެކަން ކުރީ ކިޑްނީ ވިއްކާލައިގެން ރަނގަޅު ލާރިކޮޅެއް ލިބި ދިރިއުޅުން އުޖާލާވާނެ ކަމަށް އުއްމީދުކޮށްގެންނެވެ. ނަމަވެސް ކިޑްނީ ވިއްކާލައިގެން ލިބުނު ލާރިކޮޅު ހުސްވެ މިހާރު އަނެއްކާވެސް ގުލާމް ހުރީ އިންތިހާއަށް ފައިސާއަށް ބޭނުންވެފަ އެވެ.

"އަހަރެމެން އަދިވެސް މިތިބީ ދަރަނީގައި ވިކި ހުސްވެފައި. އަދި ކުރިއެކޭ އެއްވަރަށް އިނދަޖެހިފައި،" ކިޑްނީ ނެގުމަށް ހަށިގަނޑުން ފަޅާލި ތަންކޮޅެއް ދައްކާލަމުން އޭނާ ބުނެފައިވެ އެވެ.

ގުލާމްގެ އާއިލާގެ ފަސް ބެއިން ކިޑްނީ ވިއްކީ ކޮންމެ ކިޑްނީއެއް 1،500 އެމެރިކާ ޑޮލަރަށެވެ.

ސޭޝަންބާ ބާޒާރު ސަރަހައްދުގައި ކިޑްނީ ވިއްކާލި ދެވަނަ މީހަކީ އުމުރުން 32 އަހަރުގެ ނޫރުއްދީން އެވެ. އޭނާއަކީ ބަރުމުދާ އުފުލައިގެން ދުވަހު އާމްދަނީ ހޯދާ މީހެކެވެ.

ނޫރައްދީން ބުނި ގޮތުގައި އޭނާ އެއް ކިޑްނީ ވިއްކާލީ އަތްމަތި ދަތިވެ އަނބިދަރިންގެ ޒަރޫރީ ބޭނުންތައް ހަމަޖައްސަން ފައިސާ ބޭނުންވުމުން ކަމަށެވެ. ނަމަވެސް މިއަދު އެއް ކިޑްނީގައި ބަރުމުދާ އުފުލުން ފަދަ މަސައްކަތެއް ކުރުމަށް އޭނާއަށް ދަތިވާ ކަމަށްވެސް ބުންޏެވެ.

"އަހަރެން މިއަދު ދިރިއުޅެން މި ޖެހެނީ ވޭނުގައި. ވީމާ އަހަންނަކަށް ބަރު އެއްވެސް އެއްޗެއް އުފުލަން މިއަދު ފަސޭހައެއް ނޫން،" ހާލަތު ބަޔާންކޮށްދެމުން ނޫރުއްދީން ބުންޏެވެ.

ނޫރައްދީންގެ އާއިލާ އިން މިއަދު އެމީހުންގެ މައިގަނޑު ހަރަދުތައް ހަމަޖައްސަނީ އޭނާގެ ދަރިފުޅު މަގުމައްޗަށް ނިކުމެ މީހުންގެ ބޫޓް އޮފްކޮށްދިނުން ކަހަލަ މަސައްކަތް ކޮށްގެން ލިބޭ މަދު ފައިސާކޮޅުގައެވެ.

އަފްޣާނިސްތާންގައި ހުޅަނގުގެ ތާއީދާ އެކު އޮތް ވެރިކަން ބަދަލުކޮށް އިސްލާމީ ޝަރީއާ ގާއިމުކުރަން ވަކާލަތު ކުރާ ތާލިބާނުން އެ ގައުމުގެ ވެރިކަމާ ރަސްމީކޮށް ހަވާލުވީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އޭގެފަހުން 43 މިލިއަން މީހުންގެ އާބާދީއެއް އޮތް އަފްޣާނިސްތާންގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ ބައެއް ގައުމުތަކުންނާއި ބައިނަލްއަގްވާމީ ބައެއް ޖަމިއްޔާތަކުން މިހާރު ވަނީ ތާލިބާން ސަރުކާރާ ދެކޮޅަށް އަޅާފައިވާ ހަރުކަށި ބައެއް ފިޔަވަޅުތަކަށް ބައެއް ލުއިތައް ދީ އެ ގައުމުގެ ހާލަތު ރަނގަޅު ކުރަން މަސައްކަތް ފަށާފަ އެވެ.