ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، ނޭޝަނަލް މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2025-2029، އިފުތިތާހުކޮށްދެއްވައިފި އެވެ.
މި ޕްލޭން އިފުތިތާހުކޮށް ދެއްވީ ރޭ ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި އެކްޝަން ޕްލޭންގައި ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ނަފްސާނީ ސިއްހަތުގެ ނިޒާމު ހަރުދަނާކުރުމަށް ގިނަ ކަންތައްތަކެއް ހިމަނާފައިވެ އެވެ. މި ޕްލޭނަކީ ނަފްސާނީ ސިއްހަތުގެ ހިދުމަތްތައް ހަރުދަނާކުރުމާއި، ފަރުވާގެ ކަންކަން ފުޅާކުރުމުގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމާއެކު ރާއްޖޭގެ ނަފްސާނީ ސިއްހަތުގެ ނިޒާމު ހަރުދަނާ ކުރުމުގެ މަގުސަދުގައި އިފްތިތާހުކުރެއްވި ޕްލޭނެކެވެ.
މިގޮތުން މި ޕްލޭން އެކުލަވާލެވިފައިވާ ކަންކަމުގެ ތެރޭގައި ޕްރައިމަރީ ހެލްތު ކެއާގެ ތެރެއިން ނަފްސާނީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ނިޒާމް ހަރުދަނާކުރުމާއި، ނަފްސާނީ ސިއްހަތަށް ހޭލުންތެރިކަން އިތުރުކޮށް އެކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ސިޔާސަތުތަކާއި، ސްޓޭންޑާޑްތަކާއި، ގައިޑްލައިންތައް އެކުލަވާލުމާއި، ސިއްހީ ހިދުމަތްތެރިންގެ ހުނަރު އިތުރުކުރުމާއި، ނަފްސާނީ ބަލިތަކާމެދު އޮންނަ ނޭދެވޭ ވިސްނުން ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތައް ހިމެނެ އެވެ.
މީގެ އިތުރުން މި ޕްލޭންގައި އެކި އުމުރު ފުރާގެ މީހުންނަށް، ހާއްސަކޮށް ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، އެކިއެކި ނާޒުކު ހާލަތްތަކުގައި ތިބޭ މީހުންގެ ނަފްސާނީ ސިއްހަތަށް އަހަންމިއްޔަތުކަން ދިނުމަށް އިސްކަންދީފައިވެ އެވެ. ހަމައެއާއިއެކު ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމަށް އެ މުޖުތަމައުއަކީ، ނަފްސާނީ ގޮތުން ބާރުވެރި އަދި ގާބިލު ބަޔަކު ދިރިއުޅޭ މުޖުތަމައުއަކަށް ހެދުމަށް ކަމާއި ގުޅުންހުރި ހުރިހާ ފަރާތްތަކެއް އެކުގައި މަސައްކަތްކުރުމަށް ވެސް މި ޕްލޭން ބާރު އަޅަ އެވެ.