މަސައްކަތްތެރީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
އިންތިހާބީ ރައީސް މިކަމަށް ގޮވާލެއްވީ ހދ. މަކުނުދޫގައި މިއަދު އެއްޗެއް ގޮވައި ދެ މީހަކު މަރުވި ހާދިސާއާއި ގުޅިގެން ނެރުއްވި ބަޔާނެއް ގައެވެ.
މިބަޔާނުގައި ވިދާޅުވެފައިވަނީ މިއަދު މަކުނުދޫގައި ހިނގާ ދިޔަ ހިތާމަވެރި ހާދިސާގައި ދެ މީހަކު ނިޔާވި ހަބަރު އެހީ ފުން ހިތާމައާ ކަންބޮޑުވުމާ އެކުގައި ކަމަށެވެ. މިބަޔާނުގައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހދ. ކުޅުދުއްފުށި އެއާޕޯޓްގައިވެސް އެއްޗެއް ގޮވައި ބަޔަކަށް އަނިޔާވި ހާދިސާ ފާހަގަކުރައްވާފަ އެވެ.
އިންތިހާބީ ރައީސް ވަނީ މި ދެ ހާދިސާ ހިނގުމަށް މެދުވެރިވި ގޮތް ތަހުގީގުކޮށް މިފަދަ ހިތާމަވެރި ކަންކަން ތަކުރާރުނުވާނެހެން ފިޔަވަޅު އަޅައިދިނުމަށް ކަމާ ގުޅޭ މުއައްސަސާތަކަށް ގޮވާލައްވާފަ އެވެ.
"މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ދެ ހާދިސާވެސް ހިނގާފައިވަނީ މަސައްކަތުގެ މާހައުލުގައިކަމުން މިފަދައިން މެދުވެރިވާ ހާދިސާތައް މަދުކޮށް މަސައްކަތްތެރީންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުޅި މުޖުތަމައުގެ ހުރިހާ ފަރާތްތަކުން ޒިންމާދާރުކަމާއި ފަރުވާތެރިކަން އިސްކުރުމަށްވެސް ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ ނިޒާމީ ގޮތެއްގައި މިފަދަ މައްސަލަތަކަށް ހޯދަންޖެހޭ ހައްލު ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލްގެ މަސައްކަތް އަވަސްކޮށްދިނުމަށްވެސް މަޖިލީހުގެ މެމްބަރުންނަށް ގޮވާލައްވާފަ އެވެ.