ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށްޓަކައި ސިޔާސީ ބާރުވެރިކަން ހޯދަން ޖެހޭ ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހދ. މަކުނުދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވީ ޕީޕީއެމްގެ ސަރުކާރެއްގައި ގާނޫނީ ހަމަތަކާއި އެއްގޮތަށް ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި އެކަން ކުރަން ސިޔާސީ ބާރުވެރިކަން ހޯދަންޖެހޭ ކަމަށެވެ.
ރައީސް ޔާމީން ޖަލުގައި ހުންނެވީ ނުހައްގުން ކަމަށާއި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު އެންމެ ފުރަތަމަ ކުރައްވާނެކަމަކީ އެމަނިކުފާނު މިނިވަންކުރުމުގެ މަސައްކަތް ކަމަށް މުއިއްޒު ކުރިން ވިދާޅުވި ވިދާޅުވުން ތަކުރާރުކުރެއްވި އެވެ.
"ރައީސް ޔާމީން ނުހައްގުން ޖަލުގައި 1001 ދުވަސް މިހާރު އެ ހޭދަ ކުރަނީ. ނުހައްގުން އެއްވެސް ކުށެއް ނުކޮށް، ސިޔާސީ ގޮތުން ހައްޔަރު ކޮށްފައި،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވަނީ މި ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ރައްޔިތުން ބޭނުންވާ ގޮތް ނުބަލާތީ އެ މަޝްރޫއުތަކުން ރައްޔިތުންނަށް ފައިދާ ނުވާ ކަމަށް ވިދާޅުވި އެވެ.
ޕީޕީއެމްގެ ސަރުކާރެއްގައި މަޝްރޫއުތައް ރައްޔިތުން ބޭނުންވާ ގޮތަށް ބަދަލުކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. މުއިއްޒު ވަނީ މި ސަރުކާރަށް ރައްޔިތުންގެ ވިންދު ނޭނގޭ ކަމަށް ވިދާޅުވެފަ އެވެ.
""އަޅުގަނޑުމެންގެ ސަރުކާރު ވެގެންދާނީ ދިވެހި ރައްޔިތުންގެ ވިންދާ އިހުސާސާ ގުޅިލާމެހިފައިވާ ސަރުކާރަކަށް،" މި ސަރުކާރަށް ފާޑުވިދާޅުވަމުން މުއިއްޒު ވިދާޅުވި އެވެ.
މަކުނުދޫ އަކީ ރާއްޖޭގެ އެހެން ރަށްތަކާއި މުޅިން ވަކިން އުފެދިފައިވާ ރަށެއްކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ މަކުނުދޫގެ ތަރައްގީގެ މަޝްރޫއުތައް ސަރުކާރުން ކުރިއަށް ގެންދަންވާނީ ތިމާވެއްޓާއި ރަށުގެ ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަމަށެވެ.
ޕީޕީއެމްގެ ސަރުކާރެއްގައި ރައްޔިތުން އެދޭ ގޮތަށް މަކުނުދޫ އެއާޕޯޓް ބަދަލުކޮށް ރަށުގެ ސިއްހީ މަރުކަޒު ތަރައްގީކޮށް އަސާސީ ކަންކަން ފުރިހަމަކުރައްވާނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ. މީގެ އިތުރުން ފުޓުބޯޅަ ދަނޑަކާއި ޒުވާނުންގެ މަރުކަޒެއް ގާއިމުކުރާނެ ކަމަށް ވިދާޅުވި އެވެ.