ހަބަރު

މިލިއަނެއްހާ ރުފިޔާގެ ޑްރަގް އެތެރެ ކުރުމުގައި ބައިވެރިވި ކަމަށް ބުނާ ދެ މީހުން ސަލާމަތްވެއްޖެ

މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމުގައި ބައިވެރިވި ކަމަށް ބުނެ ދައުލަތުން ދައުވާ އުފުލި ދެ މީހުންގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ގއ. ވިލިނގިލީ ޒާވިއާ މުހައްމަދު ލުބާން އަދުނާން ރަޝާދާއި ގ. ފެހިމާގޭ ފަހުދު ޝަރީފްގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ އޮގަސްޓް، 2013 ގައި އިންޑިއާއިން ރާއްޖެ އައި ދެ މީހެއްގެ އެހީތެރިކަމުގައި ބައި ކިލޯއެއްހާ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރަން އުޅުނު ކަމަށް ބުނެއެވެ.

އެ މަސްތުވާތަކެތި ފެނިފައިވަނީ އިންޑިއާއިން ރާއްޖެ އައި ދެ މީހުންގެ ތެރެއިން އެކަކު އަރައިގެން ހުރި ބޫޓުގެ ތެރޭގައި ފޮރުވާފައި ހުއްޓަ އެވެ. އެ ތަކެތީގެ މަގުމަތީ އަގު މިލިއަނެއްހާ ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން އޭރު ވަނީ ބުނެފަ އެވެ.

ކޯޓުގެ ހުކުމުގައިވަނީ އެހެން މީހަކު އަރައިގެން ހުރި ބޫޓު ތެރެއިން ފެނުނު އެ މަސްތުވާތަކެއްޗަކީ އެ ދެ މީހުން ގުޅިގެން އެތެރެކޮށްފައިވާ މަސްތުވާއެއްޗެއް ކަން ސާބިތުނުވާ ކަމަށެވެ.