އެމްޓީސީސީ އިން މާލެއާއި އަތޮޅު ތެރޭގައި ދެމުންގެންދާ އާރްޓީއެލް ބަސްތަކުގައި މަސައްކަތް ކުރާ ޑްރައިވަރުންނާއި ޑްރައިވަރުންގެ އެހީތެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފުލުހުން ފަށައިފި އެވެ.
އިއްޔެ ފެށި މި ޕްރޮގްރާމު ކުރިއަށް އޮތް ނޮވެމްބަރު ފަސްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.
މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި މައުލޫމާތު ދެނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުންނެވެ. އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި އުޅަނދު ދުއްވުމުގައި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ވެސް ހިއްސާކުރަމުން ދެއެވެ.
މީގެއިތުރުން ބަސް ދަތުރުގެ ގަވާއިދުތަކާއި ދަތުރަށް ތައްޔާރުވުމުގެ ގޮތުން ކުރަންވީ ކަންކަމުގެ މައުލޫމާތުގެ އިތުރުން އެކްސިޑެންޓެއް ދިމާވާ ހާލަތުގައި އަމަލުކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކުރެ އެވެ.
މި ޕްރޮގްރާމަކީ ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގައި ބަސްދަތުރުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ރައްކާތެރިކަން ގާއިމުކުރުމުގެ ގޮތުންނާއި، ހިދުމަތް ދިނުމުގައި ދިމާވާ ނުރައްކާތެރި ހާދިސާތައް މަދުކުރުމާއި، ޑްރައިވަރުންގެ މަސައްކަތުގެ މާހައުލުގައި ރައްކާތެރި ވެއްޓެއް ގާއިމުކުރުމަށް ފުލުހުންގެ ރޯޑް ޕޮލިހާއި އެމްޓީސީސީ ގުޅިގެން ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.