ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

ނަރީޝް، ކުޅުދުއްފުށި އުތުރު ދާއިރާއަށް ވާދަކުރެއްވުމަށް ނިންމަވައިފި

މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް، ކުރިއަށް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވައިފި އެވެ.

ނަރީޝް މިރޭ ވިދާޅުވީ ޕީޕީއެމް ޕީއެންސީ ޓިކެޓްގައި އޭނާ ވާދަކުރައްވާނީ ރާއްޖޭގެ އުތުރުގައިވާ ހަމައެކަނި ސިޓީ -- ކުޅުދުއްފުށި އުތުރު ދާއިރާއަށް ކަމަށެވެ.

ގއ. ކޮލަމާފުށްޓަށް އުފަން ނަރީޝް ވިދާޅުވި ގޮތުގައި ކުޅުދުއްފުށި އުތުރު ދާއިރާއަށް ކުރިމަތިލެއްވުމަށް އޭނާ ނިންމެވީ އެ ދާއިރާގެ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ.

"ދާއިރާގެ ހުރިހާ ރައްޔިތުންގެ ހައްގުގައި ބަސްބުނާނެ ދާއިރާގެ ތަރައްގީއަށް ސަރުކާރާއި އެކު މަސައްކަތްކުރެވޭނެ އަދި ހަގީގީ މާނައިގައި ސިޓީއެއްގެ ދަރަޖަ ކުޅުދުއްފުއްޓަށް ހޯދައިދޭން ސަރުކާރާއި ރައްޔިތުންނާއި ދޭތެރޭގައި ސާބިތުކަމާއި އެކު ހުންނާނެ ރައްޔިތުންގެ ހާދިމަކަށް އަޅުގަނޑު ވާނެ،" ނަރީޝް ވިދާޅުވި އެެވެ.

ނަރީޝް އިތުރަށް ވިދާޅުވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީޕީއެމް ޕީއެންސީ މެންބަރުން އޭނާއަށް ތާއީދުކޮށްދީ ޕްރައިމަރީ ކާމިޔާބި ކޮށްދިނުމަށް އެހީތެރިވެދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިންތިހާބުވެވަޑައިގަތުމާ ގުޅިގެން މޭޔަރުގެ ޒިންމާތައް ވެސް މިވަގުތު އުފުއްލަވަމުން ގެންދަވަނީ ނަރީޝް އެވެ.