ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

ޕީޕީއެމް ޕީއެންސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ހަމައެކަނި އަންހެން ކެންޑިޑޭޓަކަށް އަސްމާ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާނެ ކެންޑިޑޭޓުން ހޮވުމަށް އިއްޔެ ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރެއްވި ހަމައެކަނި އަންހެން ކެންޑިޑޭޓަކަށް އަސްމާ ރަޝީދު ވެއްޖެ އެވެ.

ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި ޖުމްލަ 283 ކެންޑިޑޭޓުން ވާދަކުރެއްވިއިރު އޭގެ ތެރޭގައި 32 އަންހެން ކެންޑިޑޭޓުން ހިމެނެ އެވެ.

ޕްރައިމަރީ ކާމިޔާބު ކުރެއްވި ހަމައެކަނި އަންހެން ކެންޑިޑޭޓް އަސްމާ ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި މާފަންނު މެދު ދާއިރާގެ މެންބަރުކަން ކުރައްވާފަ އެވެ.

އަސްމާ ޕްރައިމަރީ ކާމިޔާބު ކުރެއްވީވެސް މާފަންނު މެދު ދާއިރާއިންނެވެ.

ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އާއި މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމްގެ އިތުރުން ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފުގެ އަނބިކަނބަލުން ޒީނާޒް އާދަމް ވާދަކުރެއްވި އެވެ.

ޕްރައިމަރީއާ ނުލައި ޕީޕީއެމް ޕީއެންސީގެ ޓިކެޓް ޔަގީންވި ބޭފުޅުންގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޮ ފާތިމަތު ސައުދާ ހިމެނިވަޑައިގަންނަވަ އެވެ.