ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް / ޕީއެންސީގެ ޓިކެޓް ދޭނެ ކެންޑިޑޭޓުން ކަނޑައަޅަން އިއްޔެ ބޭއްވި ޕްރައިމަރީގައި ހަމަނުޖެހުން ބޮޑުވެ، މެދުހެންވޭރު ދާއިރާގެ ވޯޓު ފޮށީގެ ވޯޓު ކަރުދާސްތައް އުކާލުމާ ގުޅިގެން ޕްރައިމަރީގައި ވާދަކުރެއްވި ހަސަން ރަމީޒު (ޓިމޯ)ގެ ކެމްޕޭން ޓީމުން އެކަން ކުށްވެރިކޮށްފި އެވެ.
ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި މެދުހެންވޭރު ދާއިރާގެ މީހުން ވޯޓުލުމަށް ބޭނުންކުރި ވޯޓު ކަރުދާސްތައް ވީދާ އުކާލީ ވޯޓު ގުނުމުގެ ކުރިން ކަރުދާސްތައް ބައިކޮށް ގުނަން ތައްޔާރުވެފައި ވަނިކޮށް އެތަނުގެ ތެރޭގައި ހަމަނުޖެހުންތަކެއް ހިންގުމަށްފަހު އެވެ.
މި ހަމަނުޖެހުންތަކުގެ ކުރިން މެދުހެންވޭރު ދާއިރާގެ މީހުން ވޯޓުލުމަށް ބޭނުންކުރި ވޯޓް ފޮށްޓެއް ވެސް އެއްލާލި އެވެ.
ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި މެދުހެންވޭރު ދާއިރާއަށް ވާދަކުރެއްވީ ކެންޑިޑޭޓް ނަންބަރު އެކެއްގެ ގޮތުގައި ހުސައިން ނާސިހް އާއި، ކެންޑިޑޭޓް ނަންބަރު ދޭއްގެ ގޮތުގައި ހަސަން ރަމީޒު (ޓިމޯ) އެވެ.
ޕްރައިމަރީ ފެށުމުގެ ކުރިން މެދުހެންވޭރު ދާއިރާގެ ވޯޓު ލިސްޓުގައި ކުރިން ހިމެނުނު ބައެއް މީހުންގެ ނަންތައް ފަހު ވަގުތު އުނިކޮށްފައިވާ މައްސަލައެއްވެސް ކުރިން ޓިމޯ ފެންމަތިކުރެއްވި އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން ޓިމޯ ވިދާޅުވީ ޕީއެންސީގެ މެންބަރުންނަށް ހެދުމަށް ޕްރައިމަރީގެ ކުރިން އޭނާ އެންމެ ފަހުން ހުށަހެޅި 49 މެންބަރުންގެ ތެރެއިން ޕާޓީގެ ދަފްތަރުގައި އަދިވެސް ހިމަނާފައިވަނީ މަދު އަދަދެއް ކަމަށެވެ.
"އަޅުގަނޑު މިކަމުގައި އެތައް ފަހަރަކު ގުޅިން ޕާޓީގެ ރަޖިސްޓްރާ އަކޫއަށް. އެކަމަކު ފޯނަށް ޖަވާބެއް ނުދެއްވާ. ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަށް ގުޅީމާ ވިދާޅުވީ އެކަން ބަލާނެ ކަމަށް. ނަމަވެސް އެއްވެސް ކަމެއް ހައްލެއް ނުވެ،" ކުރިން ފަސްޓް ޑިވިޝަންގެ ބޮޑެތި ޓީމުތަކުގައި ގޯލްކީޕަރަކަށް ކުޅެފައިވާ ޓިމޯ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ޕްރައިިމަރީގައި މެދުހެންވޭރު ދާއިރާއަށް ވޯޓުލާ މީހުންގެ ލިސްޓް ފުރަތަމަ އާންމުކުރިއިރު އެ ލިސްޓްގައި 985 މީހުން ތިބި ކަމަށެވެ. ނަމަވެސް ފަހުން ލިސްޓެއް ނެރުނުއިރު އެ ލިސްޓުގައި ތިބީ 656 މީހުން ކަމަށާއި ކުރީގެ ލިސްޓްގައި ހިމެނޭ 329 މީހަކު ލިސްޓުން އުނިކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ޓިމޯގެ ޓީމުން ބުނާ ގޮތުގައި އޭނާ ވަނީ ޕްރައިމަރީ ކާމިޔާބުކޮށްފަ އެވެ. އަދި ޕްރައިމަރީގައި އޭނާއަށް ނާކާމިޔާބުވެއްޖެނަމަ ހައްގު ހޯދުމަށް ގާނޫނީ އިމުގެ ތެރެއިން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށްވެސް ޓިމޯ ވިދާޅުވެފައިވެ އެވެ.