ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

ޕީޕީއެމް ޕީއެންސީގެ މެދުހެންވޭރު ދާއިރާގެ ޕްރައިމަރީގެ މައްސަލަ ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް / ޕީއެންސީގެ ޓިކެޓް ދޭނެ ކެންޑިޑޭޓުން ކަނޑައަޅަން ބޭއްވި ޕްރައިމަރީގައި މެދުހެންވޭރު ދާއިރާއަށް ވާދަކުރެއްވި ކެންޑިޑޭޓަކު އެ ދާއިރާގެ ޕްރައިމަރީގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވިއިރު އެންމެ ބޮޑަށް މައްސަލަ އުފެދި ހަމަނުޖެހުން ހިނގީވެސް މެދުހެންވޭރު ދާއިރާގެ ޕްރައިމަރީގައެވެ.

ވޯޓުލުން ނިމި ވޯޓު ގުނުމަށް ކަލާފާން ސްކޫލުގައި ކަރުދާސް ބައިކޮށްފައި ހުއްޓާ ބަޔަކު ވަނީ އެތަނުގައި ހަމަނުޖެހުން ހިންގާ ބައެއް ކަރުދާސްތައް ވީދާލައި އުކާލާފަ އެވެ.

ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި މެދުހެންވޭރު ދާއިރާއަށް ވާދަކުރެއްވީ ކެންޑިޑޭޓް ނަންބަރު އެކެއްގެ ގޮތުގައި ހުސައިން ނާސިހް އާއި، ކެންޑިޑޭޓް ނަންބަރު ދޭއްގެ ގޮތުގައި ހަސަން ރަމީޒު (ޓިމޯ) އެވެ.

ޕީއެންސީ އިން ނަތީޖާ އާންމުކުރިއިރު 130 ވޯޓުން ޕްރައިމަރީ ކާމިޔާބު ކުރީ ހުސައިން ނާސިހު އެވެ. ޓިމޯ އަށް ލިބިވަޑައިގަތީ 103 ވޯޓެވެ. އަދި ބާތިލް 10 ވޯޓުލާފައިވާ ކަމަށްވެސް ނަތީޖާ އިން ދައްކަ އެވެ.

ޕްރައިމަރީގެ މައްސަލަ އިއްޔެގެ ވަގުތެއްގައި ސިވިލް ކޯޓަށް ހުށަހެޅީ ޓިމޯ އެވެ. އޭނާ ވިދާޅުވީ ޕްރައިމަރީ ބޭއްވުމުގެ ކުރިންވެސް ގޯސްތަކެއް ހަދާފައިވާ ކަމަށެވެ. ޕްރައިމަރީ ފެށުމުގެ ކުރިންވެސް މެދުހެންވޭރު ދާއިރާގެ ވޯޓު ލިސްޓުގައި ކުރިން ހިމެނުނު ބައެއް މީހުންގެ ނަންތައް ފަހު ވަގުތު އުނިކޮށްފައިވާ މައްސަލައެއް ޓިމޯ އޮތީ ކުރިން ފެންމަތި ކުރައްވާފަ އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ޓިމޯ ވިދާޅުވީ ޕީއެންސީގެ މެންބަރުންނަށް ހެދުމަށް ޕްރައިމަރީގެ ކުރިން އޭނާ އެންމެ ފަހުން ހުށަހެޅި 49 މީހުންގެ ތެރެއިން ޕާޓީގެ ދަފްތަރުގައި ހިމަނާ ދިނީވެސް މަދު އަދަދެއް ކަމަށެވެ.

"އަޅުގަނޑު އެކަމުގައި އެތައް ފަހަރަކު ގުޅިން ޕާޓީގެ ރަޖިސްޓްރާ އަކޫއަށް. އެކަމަކު ފޯނަށް ޖަވާބެއް ނުދެއްވާ. ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަށް ގުޅީމާ ވިދާޅުވީ އެކަން ބަލާނެ ކަމަށް. ނަމަވެސް އެއްވެސް ކަމެއް ހައްލެއް ނުވެ ޕްރައިމަރީ ބޭއްވީ،" ކުރިން ފަސްޓް ޑިވިޝަންގެ ބޮޑެތި ޓީމުތަކުގައި ގޯލްކީޕަރަކަށް ކުޅެފައިވާ ޓިމޯ ވިދާޅުވި އެވެ.

ޓިމޯ ވިދާޅުވީ ވޯޓާސް ލިސްޓްގެ މައްސަލަތަކެއް ފެންމަތިކޮށްފައި އޮއްވާ އެކަމަށް ބެލުމެއް ނެތި ޕްރައިމަރީ ބޭއްވުމަށްފަހު ނަތީޖާ އިއުލާން ކުރުމުގެ ކުރިން ވޯޓުލީ ތަނަށް ބަޔަކު ވަދެ ވޯޓު ކަރުދާސްތައް އިރާލައި އުކާލި މައްސަލަ ބަލައި ނިންމުމަށްފަހު ނޫނީ ނަތީޖާ އިއުލާން ނުކުރަންވެސް އޭނާ އެދިފައިވާނެ ކަމަށެވެ. ނަމަވެސް ނަތީޖާވެސް އިއުލާން ކުރީ މިއިން އެއްވެސް ކަަމަކަށް ބެލުމެއް ނެތި ކަމަށާއި އެހެންވެ އޭނާގެ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ގަބޫލުކުރެވޭތީ ކޯޓަށް މައްސަލަ ހުށަހަޅާފައިވާނެ ކަމަށް ވިދާޅުވި އެވެ.

"ވޯޓު ކަރުދާސްތަކެއް އިރާލައި އަދި އުކާލާފައި ވަނިކޮށް އެކަން ހަމައަކަށް އެޅުވުމެއް ނެތި ވޯޓު ފޮށި ގުނާނީ ކިހިނެއް؟ އެހެން ނުގުނޭނޭ ނޫންތޯ،" ޓިމޯ ސުވާލު އުފެއްދެވި އެވެ.

ޕީޕީއެމް ޕީއެންސީ އިން ބުނާ ގޮތުގައި މެދުހެންވޭރު ފޮށްޓަށް ވޯޓުލީ 243 މީހުންނެވެ. އެކަމަކު ޓިމޯ ގަބޫލުކުރައްވާ ގޮތަށް އެ ފޮއްޓަށް 270 އަށް ވުރެ ގިނަ މީހުން ވޯޓުލި އެވެ.