ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްރޮން މިއަދުގެ ވަގުތެއްގައި ޔަހޫދީ ދައުލަތުގެ ވެރިރަށް ތެލްއަވީވަށް ވަޑައިގަންނަވާނެ އެވެ. އޭނާގެ ބޭނުމަކީ ފަލަސްތީންގެ ޣައްޒާއަށް ޔަހޫދީން ދެމުންދާ ހަމަލާތައްކުގައި ޔަހޫދީންނަށް ސާބަސްދެއްވައި އަތްޖެއްސެވުމެވެ.
މެކްރޮން ވެސް ހިމެނިވަޑައިގަންނަވާ ގޮތުން މުޅި ހުޅަނގުގެ ގަބޫލުކުރުމަކީ، ޔަހޫދީންނަށް ދިރިއުޅުމުގެ ހައްގު އޮންނަންވާނެ ކަމެވެ. އަދި އެވެސް އިސްތިރުމާރުކޮށްފައި އޮތް ބިންތަކުގަ އެވެ.
ފަރަންސޭސި ރައީސްގެ މި ދަތުރުގައި ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންތާހޫއާ ބައްދަލުކުރައްވާނެ އެވެ. އަދި ފަރަންސޭސިން ގަބޫލުކުރާ ސުލްހައިގެ ރޭވުމެއް ހުށަހަޅާނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ފަލަސްތީންގެ ބިންތައް އިސްތިއުމަރުކުރުން ދޫކޮށްލައިގެން ނޫން ގޮތަކަށް ޔަހޫދީންނަށް ހަމަޖެހުމެއް ނެތްކަން ޔަހޫދީ ބޮޑުވަޒީރަށް ވިސްނައިދެއްވުމަށް މެކްރޮން މަސައްކަތްކުރައްވާނެ އެވެ.
ޔަހޫދީން ސުލްހައިގައި އުޅެން އެދޭ ނަމަ ހިސާރުކޮށްފައި އޮތް ބިންތައް ދޫކޮށްލައި ޔަހޫދީންނަށް އިތުރު އާބާދީތައް -- ހުޅަނގު އައްސޭރީގައި އަދި ޣައްޒާއަށް ގާތް އަވަށްތަކުގައި ނުހެދުމަށް ދަންނަވާނެ އެވެ.
ހަމާސްއިން މިމަހު ހަތެއްގައި ޔަހޫދީ އާބާދިތަކަށް ދިނީ ޓެރަރިސްޓް ހަމަލާތަކެއް ކަމަށް ފަރަންސޭސިން ގަބޫލުކުރެ އެވެ. ޣައްޒާއިން މަރުވި މީހުންނަށް ވުރެ ޔަހޫދީންގެ ތެރެއިން މީހުން މަރުވުން ފަރަންސޭސި ރައީސަށް ބޮޑު ކަމަކަށް ވާނެ އެވެ. އަދި ޔަހޫދީ ބޮޑުވަޒީރުގެ އަރިހުގައި މެކްރޮން މިކަމާ ހިތާމަކުރައްވާނެ އެވެ.
ހަމާސްއިން އަސީރުކޮށްފައި ތިބި ޔަހޫދީން ދޫކޮށްލުމަށް މެކްރޮން ގޮވާލައްވާނެ އެވެ. އަދި ޔަހޫދީ އަސްކަރިއްޔާއިން ގައްޒާއަށް ހަމަލާދިނުމުގައި ޔަހޫދީއަކަށް ގެއްލުން ނުވާނެ ގޮތްތަކަަށް ބެއްލެވުމަށް ދަންނަވާނެ އެވެ.
ފަރަންސޭސިވިލާތް އަބަދުވެސް ދެމިއޮންނާނީ ޔަހޫދީންނާ އެކު ކަމަށް މެކްރޮން ދަންނަވާނެ އެވެ. އަދި ޔަހޫދީންނަކީ މުގައްދަސް ބިންތަކުގެ ހައްގުވެރި ކަމަށް ވަކާލާތުކުރައްވާނެ އެވެ.
ޔަހޫދީންނާ ފަލަސްތީން މީހުންނާ ދެމެދު ހިނގާ ހަމަނުޖެހުންތައް ހުއްޓާލެވެން އޮތީ ފަލަސްތީންގެ ބިންތައް ޔަހޫދީން ދޫކޮށްލުމުން ކަމަށް ފަރަންސޭސި ރައީސް ގަބޫލުކުރައްވަ އެވެ. ނަމަވެސް، އެމެރިކާ ދެކެ ބިރުން އަދި ޔަހޫދީން ދެކެ ބިރުން މި ވާހަކަތަކަށް އަލިއަޅުވާލެއްވުމުގެ އިތުރުން -- މާބޮޑުވަރެއް ކުރައްވާކަށް މެކްރޮންއަށް ކެރިވަޑައެއް ނުގަންނަވާނެ އެވެ.
ޔަހޫދީ އަސްކަރީ ޖެޓުތަކުން މި މަހު ހަތްވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި، ޣައްޒަ މިހާރު އޮތީ ބިމާ ހަމަވެފަ އެވެ. މިވަރުން ވެސް ދުނިޔޭގެ ނުފޫޒުގަދަ ގައުމުތައް އޮތީ ޔަހޫދީންނާ އެކު އެވެ. ހަމްދަރުދީ ވަނީ ޔަހޫދީ ފުރާނަތަކަށެވެ.