ދުނިޔެ

ޔަހޫދީ ސްނައިޕަރުން ފަލަސްތީން މީހުންގެ ގަޔަށް ބަޑިޖަހަނީ

އޮކްޓޯބަރު ހަތަކުން ފެށިގެން ޔަހޫދީ އަސްކަރިއްޔާއިން ޣައްޒާއަަށް ދެމުން އަންނަ އަސްކަރީ ހަމަލާތަކުގައި ގެދޮރު ގެއްލިގެން ހޮސްޕިޓަލްތަކުން ހިޔާވަހިކަށް ހޯދައިގެން އުޅޭ ފަލަސްތީން މީހުންގެ ގަޔަށް ޔަހޫދީ ސްނައިޕަރުން ބަޑިޖަހަނީ އެވެ.

ފަލަސްތީންގެ ރެޑް ކްރެސެންޓުން ބުނާ ގޮތުން އަމާޒަށް ބަޑިޖަހާ ޔަހޫދީ ސިފައިން ބަޑިޖެހުމުގެ ސަބަބުން އަލް ގުދުސް ހޮސްޕިޓާ ދޮށުގައި އުޅުނު 20 މީހަކު ޒަޚަމްވެ އިތުރު އެކަކު ވަނީ މަރުވެފަ އެވެ.

ރެޑް ކްރެސެންޓުން ބުނި ގޮތުގައި އުޅޭނެ ތަނެއް އަދި ގެންގުޅޭނެ ބަޔަކު ނެތި މަގުމައްޗަށް ގިނަވެފައި ތިބީ ކުޑަކުދިންނެވެ.

ޔަހޫދީ ސިފައިން އެ ކުދިން ފައްސާލުމުން ހިޔާވަހިކަން ހޯދަން ދުވެ ގޮސް ވަންނަނީ ހޮސްޕިޓަލުތަކަށާއި ސަރުކާރުގެ އިދާރާތަކަށް ކަމަށް އެ ޖަމާއަތުން ބުނެ އެވެ.

ޔަހޫދީ ސިފައިންގެ އަލުކުރާ ގޮތަކީ އެ މީހުންނަށް އުނދަގުލެއް ނުކުރި ނަމަވެސް އެ މީހުން ގަބޫލުނުކުރާ ހިސާބެއްގައި އުޅޭނަމަ އެ ބަޔަކަށް ބަޑިޖެހުމެވެ.

ގުދުސް ހޮސްޕިޓަލު ދޮށުގައި އުޅުނު ކުދިންގެ ބައިގަނޑަކަށް ޔަހޫދީ ސްނައިޕަރުން ބަޑިޖެހުމުގެ ސަބަބުން ހާލުދެރަވެ މަރުމަތީގައި ދެ ކުއްޖަކު އޮތް ކަމަށްވެސް ރެޑް ކްރެސެންޓުން ބުންޏެވެ.

އިމާރާތްތަކުގެ ގޯތި ތެރޭގައި އުޅޭ ފަލަސްތީން މީހުންނަށް ހަމަލާދިނުމަށް ޔަހޫދީން އަތުބޮން އުކާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ. ޔަހޫދީންގެ މި އަމަލުތަކުގެ ސަަބަބުން ގުނަވަންތައް އުނި މީހުން ގިނަވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޣައްޒާއަށް ޔަހޫދީން ދެމުން އަންނަ ހަމަލާތަކަށް މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު ހަމަލާތަކަށް އަދިވެސް މަޑުޖެހުމެއް ނުގެނެ އެވެ.

ޣައްޒާއިން ހަމާސް ނައްތާލުމަށް ކަމަށް ބުނެ ޔަހޫދީ ދައުލަތުން ހިންގަމުން ގެންދާ އޮޕަރޭޝަން އެއަށްވުރެ ފުޅާކޮށް މިހާރު އޮތީ ޣައްޒާއިން މީހުން ހުސްކުރަން ހިފާފަ އެވެ.

ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވި ގޮތުން، އުތުރު ޣައްޒާއިން މީހުން ހުސްކުރުމަށް ފަހު އެ ސަރަހައްދުގައި -- ވަކި މުއްދަތެއް ނެތް ގޮތަށް ވެރިކަންކުރާނީ ޔަހޫދީންނެވެ.

ޔަހޫދީންގެ މި އަމަލުތައް ބައިނަލްއަގްވާމީ އިދާރާތަކުން ކުށްވެރިކުރި ނަމަވެސް، އެއަށް ވުރެ ބޮޑުވަރު ކުރަން ކެރޭ އެއްވެސް ބަޔަކު ނޫޅެ އެވެ. ސަބަބަކީ ޔަހޫދީންގެ އަމަލުތަކަށް އެމެިރކާ އާއި އިނިގރޭސިވިލާތް ރުހިގެން އޮތުމެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރޭގައި ފަރަންސޭސިވިލާތާއި ޖަރުމަނަކީ ވެސް -- ފަލަސްތީން މީހުންގެ ފުރާނައަށް ވުރެ ޔަހޫދީންގެ ފުރާނަ މުހިންމު ކަމަށް ދެކޭ ދެ ގައުމެވެ.

ޣައްޒާއަށް ހަމަލާދިނުމުގައި ޔަހޫދީންނާ ބައިވެރިވުމަށް ސިފައިން ފޮނުވަން ޖެހިދާނެ ކަމަށް ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްރޮން ވަނީ ވިދާޅުވެފަ އެވެ. އަދި ޔަހޫދީންނަކީ ކޮންމެ އަގެއްގައި ނަމަވެސް ހިމާޔަތްކުރަން ޖެހޭ ބައެއް ކަމަށް ޖަރުމަނުގެ ޖާންސެލަރު، އޯލަފް ޝޯލްޒް ވިދާޅުވި އެވެ.