ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅާފައިވާ ކަމާ ގުޅޭ ގާނޫނުތަކާ ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު ވިދާޅުވެއްޖެ އެވެ.
މިއަހަރުގެ ބާކީ ދުވަސްތަކަށް ހަރަދުކުރުމަށްޓަކައި ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެކެވެ. މީގެތެރޭގައި ހިމެނެނީ ރިކަރަންޓް ހަރަދަށް 3.1 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދަށް 3.3 ބިލިއަން ރުފިޔާ އެވެ.
މަޖިލީހުގެ ތަޅުމަށް މި ބަޖެޓް ހުށަހެޅުމަށް މިއަދު ބާއްވަން މަސައްކަތް ކުރި މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަނުވުމާ ގުޅިގެން މިއަދުގެ ޖަލްސާ ވަނީ ކެންސަލްކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވާ އާޒިމް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހަށް ފޮނުވިއިރު ދައުލަތަށް ލިބުނު އާމްދަނީ އާއި ކުރި ހަރަދު އަދި ސަޕްލިމެންޓްރީ ބަޖެޓާ އެކު ކުރީގެ ބައެއް ލަނޑުދަނޑިތަކަށް ބަދަލުތައް އަންނާނެތީ ބަޖެޓު ޕޮޒިޝަން އެނގޭ ރިޕޯޓް ފަދަ މުހިއްމު މައުލޫމާތު ހުށަހަޅާފައި ނުވާ ކަމަށެވެ.
އާޒިމް ދެކެވަޑައިގަންނަވާ ގޮތުގައި އެއީ މާލިއްޔަތު ގާނޫނުގެ ދަށުން މަޖިލީހަށް ހުށަހަޅަންޖެހޭ މައުލޫމާތުތަކެކެވެ. އަދި އެ މައުލޫމާތުތައް ހޯދުމަކީ މަޖިލީހުގެ ޒިންމާ އެކެވެ.
"ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފިނަމަ ވެގެންދާނީ ނުރަނގަޅު އާދައެއް ފެށި ތަކުރާރުވާން ހުޅުވިގެންދާ ޖާގަ އަކަށެވެ،" ސިޓީގައިވެ އެވެ.
އާޒިމް އިތުރަށް ވިދާޅުވީ މާލިއްޔަތު ގާނޫނުގައި ބުނާ މައުލޫމާތު މަޖިލީހަށް ނުފޮނުވައި ސަޕްލިމަންޓްރީ ބަޖެޓް މަޖިލީހަށް ހުށަހެޅިގެން ނުވާނެ ކަމަށެވެ.
ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ފޮނުވާފައިވާއިރު މިމަސް ނިމުމުގެ ކުރިން ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ވެސް މަޖިލީހަށް ފޮނުވަންޖެހެ އެވެ. އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އެކުލަވާލާފައިވާ ޓީމަކާ ގުޅިގެން އަންނަ އަހަރުގެ ބަޖެޓް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.