ވެރިކަން ކުރާ ޕީއެންސީ އިން "ފެށުން"ގެ ނަމުގައި ރޭ ބޭއްވި ޖަލްސާއަކީ ހަޑިމުޑުދާރު ނާތަހުޒީބު ފެށުމެއް ކަމަށް ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
ޕީއެންސީ އިން ރޭ ފެށުންގެ ނަމުގައި ބޭއްވި ހާއްސަ ޖަލްސާ އަކީ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ 13 މެންބަރަކު އެ ޕާޓީއަށް ސޮއިކުރުމަށް ބޭއްވި ޖަލްސާ އެކެވެ.
މިޖަލްސާއަށް ފާޑު ކިޔުއްވާ އާޒިމް ވިދާޅުވީ އެއީ ހަޑިމުޑުދާރު ނާތަހުޒީބު ފެށުމެއް ކަމަށެވެ.
"ރައްޔިތުންނަށް ތިޔަ ބުނެދެވެނީ ތިޔަ ހިތްވަރު ދެވެނީ ތިޔަޒާތުގެ ނާތަހުޒީބީ ކަންކަން ކޮށްލުމަކީ އެންމެ ރަނގަޅު ކަމެއް ކަމަަށް،" އާޒިމް ވިދާޅުވި އެެވެ.
ސަރުކާރުގެ ސިޔާސީ އެންމެ އިސް މަގާމުތަކަށް ބޮޑު މުސާރައާއި އެކު އައްޔަންކުރައްވާ ބޭފުޅުންގެ އަދަދު އިތުރުކުރަމުންދާތީ އެކަމަށްވެސް އާޒިމް ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ.
އާޒިމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކަކީ ރައްޔިތުންގެ ދިރިއުޅުމަށް ކުރާ ހޭދަ ކުޑަވާނޭ ގޮތަކަށް
ކަންކަން ބައްޓަންކުރާ ސަރުކާރެއްގެ ގޮތުގައި ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެމެރިކާ ޑޮލަރުގެ އަގާއެކު ކާބޯތަކެތީގެ އަގުތައް އާދަޔާ ހިލާފަށް އުފުލެމުން ދަނީ ކަންބޮޑުވާ މިންވަރަކަށް ކަމުގައިވެސް ވިދާޅުވި އެވެ.
"ހަމަ ބަލަން ތިބެންވީތޯ؟ ތަކެތީގެ އަގުދަނީ އުފުލެމުން. އިގުތިސާދު ދަނީ ދަށަށް. ކައިގެން ބޮއިގެން އުޅެންޖެހެނީ ސިޔާސީ މީހުން އެކަނިތޯ؟،" އާޒިމު އެއްސެވި އެވެ.
އެމްޑީޕީގެ 13 މެންބަރަކު ރޭ ޕީއެންސީއަށް ސޮއި ކުރެއްވުމާ ގުޅިގެން އެ މެންބަރުންނަށް ފަައިސާގެ ބޮޑެތި ތުހުމަތުތަކެއް އާންމުން ގެންދަނީ ސޯޝަލްމީޑިއާގައި ކުރަމުންނެވެ.