އަލީ އާޒިމް

ކޯޓުގައި އޮތް ނަޝީދުގެ މައްސަލައަށް ތަދައްހުލްވާނަން: އާޒިމު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުދާތީ އެކަމަށް ހައްލެއް ހޯދުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ވަނުމަށް -- ތަދައްހުލްވުމަށް ދަ ޑިމޮކްރެޓްސް އިން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުރުން ނަޝީދާއި އީވާ ނެތް ވަގުތުތަކުގައި ރިޔާސަތުގައި މިފަހުން އާންމުކޮށް އިންނަވާ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް އަކީ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ތިން ބޭފުޅުންނެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މިދިޔަ އާދިއްތަ ދުވަހާއި ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް މިޖަލްސާގެ ރިޔާސަތުގައި އިންނަވަންޖެހޭ މަޖިލީހުގެ ނައިބް ރައީސް އީވާ ގެންދަވަނީ ސަލާމް ފޮނުއްވަމުންނެވެ. އީވާ ވިދާޅުވާ ގޮތުގައި އެކަމަނާ ވަނީ ޑެންގޫއަށް ޕޮޒިޓިވް ވެފަ އެވެ.

އެހެންވެ ނަޝީދުގެ މައްސަލަ ކުރިއަށް ނުދާތީ އެމްޑީޕީން ވަނީ އެ މައްސަލައަށް ހައްލެއް ހޯދުމަށް މިދިޔަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފަ އެވެ. ސުޕްރީމް ކޯޓުން މިހާރު ވަނީ މިމައްސަލަ ބަލައިގެންފަ އެވެ.

މަޖިލިސް އިދާރާގައި ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި މެދުހެންވޭރު ދާއިރާ މެންބަރު އަލީ އާޒިމް ވިދާޅުވީ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތީ ރައީސް ނަޝީދާ ގުޅޭ މައްސަލައެއް ކަމަށްވިޔަސް ހަގީގަތުގައި އެއީ މަޖިލީހުގެ މައްޗަށް ކުރި ދައުވާއެއް ކަމަށެވެ.

"އަޅުގަނޑުމެން ތަދައްހުލުވާނެ. ޔަގީނުންވެސް އަޅުގަނޑު ތަދައްހުލުވާނަން" އާޒިމް ވިދާޅުވި އެވެ.

އާޒިމް ތުހުމަތުކުރެއްވި ގޮތުގައި ތަފާތު އެކި މައްސަލަތައް އުފައްދައިގެން އެމްޑީޕީން އުޅެނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުން ހުއްޓުވުމަށެވެ. އެގޮތުން ނަޝީދުގެ މައްސަލަ ކޯޓަށް ހުށަހެޅީ ހުވާކުރެއްވުމުގެ ޖަލްސާއަށް ހުރަސް އެޅުމަށް ކަމަށް ވިދާޅުވި އެވެ. އަދި ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ހުށަހެޅުމަށް މިއަދު ތަވާލްކޮށްފައި އޮތް ޖަލްސާ ވެސް އެމްޑީޕީން ހުއްޓުވާލީ މުއިއްޒުގެ ސަރުކާރަށް ދަތިކުރަން ކަމުގައި ވިދާޅުވި އެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ، ގައިވާ ގޮތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ނައިބު ރައީސް ހާޒިރުވެވަޑައިނުގެންނެވޭ ހާލަތުގައި މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއަށް އަމަލުކުރުން މަޖިލީހުގެ އިދާރާއަށް ލާޒިމުވާނެ ކަމަށް ކަނޑައަޅައިދިނުމަށް އެދިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ނަޝީދު ވަކިކުރުމަށް ހުށަހެޅީ 49 މެންބަރުންގެ ސޮޔާ އެކު އެވެ.