ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހުގެ ފަހުން ބާއްވަން ދެވަނަ ފަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ހިލާފަށް ނޫން ކަމަށް ބަންޑާރަނައިބު ލަފާ ދެއްވައިފިނަމަ މިއަދުވެސް އެ ބިލު ތަސްދީގު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ނ. ކެނދިކުޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު މިއަދު ވިދާޅުވީ ގާނޫނުއަސާސީއާ ހިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.
މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނާނެ ގޮތް ބަދަލުކޮށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު ބަދަލެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމަށް އިޝާރާތް ކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 80 ކަމަށް ކަނޑައަޅައިގެން ނިންމާ ކޮންމެ ނިންމުމެއް ގާނޫނުއަސާސީއާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
މަޖިލިސް އިންތިހާބު ރޯދަ މަހުގެ ފަހުން ބާއްވަން ދެވަނަ ފަހަރަށް ފާސްކުރިއިރު ޖުމްލަ މެމްބަރުންގެ އަދަދުގެ ގޮތުގައި ބަލާފައިވަނީ 80 ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެހެންކަމުގެ އެކަމުގައި ބަންޑާރަނައިބުގެ ގާނޫނީ ލަފައަށް ދަންނަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނު ބޭނުންފުޅުވީ ރޯދައިގެ ކުރިން އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް ރޯދައިގެ ކުރިން އިންތިހާބު ބާއްވަން ގާނޫނު އިސްލާހުކުރަން މަޖިލީހުން ބޭނުން ނުވީ ކަމަށާއި އެ ސަބަބު ސާފުކޮށްދޭން ޖެހޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރޯދަ މަހުގެ ފަހު 10 ދުވަހަކީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާއިރު މިހާރު އެ ދުވަސްތަކުގައި އުޅެންޖެހޭނީ އިންތިހާބުގެ ކެމްޕޭންގައި ކަމަށް ރައީސް ވިދާޅުވި އެވެ.
މި ޖަލްސާގައި ރައީސް މުއިއްޒު ވަނީ އިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
"އެ ބޭފުޅުންނަށް ބާރު ހިންގާ އެ ބޭފުޅުން އޮޕަރޭޓް ކުރާ އެހެން ފަރާތެއް އެބަ އޮތް ޖޮއިސްޓް އޮތީ އެހެން ފަރާތެއްގައި އެ ޖޮއިސްޓް އަނބުރާ ގޮތަކަށް ޕަޕެޓްތަކެއް ގޮތަށް އެނބުރެމުން އެދަނީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ބައެއް މެންބަރުން. މިއީ ހަގީގަތް މިއަށް ލޯމަރާލެވޭނެ ގޮތެއް ނޯންނާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ބިލު ތަސްދީގުކުރަން ލަފާ ލިބިއްޖެނަމަ ވަގުތުން ތަސްދީގުކުރައްވާނެ ކަމަށާއި ކޯޓަށް ދާންޖެހިއްޖެނަމަ ކޯޓަށް ވަަޑައިގަންނަވަން ޖެހިއްޖެނަމަ ކޯޓަށް ވަޑައިގަންނަވާނެ ކަމަށެވެ.
ކޯޓުތައް ހިނގަނީ ފުރިހަމަ މިނިވަންކަމާއެކު ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.