ދުނިޔެ

ފަލަސްތީނުން ހަމަ އެހާ ގިނަ މީހުން މަރުވީތޯ ބައިޑަން ސުވާލުކުރައްވައިފި

ފަލަސްތީންގެ ޣައްޒާއަށް ޔަހޫދީ އަސްކަރީ ޖެޓުތަކުން މި މަހު ހަތަކުން ފެށިގެން ރެ އާއި ދުވާލު ދެމުން ގެންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު -- ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުން 6،500 އަށް ވުރެ އިތުރުވެއްޖެ އެވެ.

ޔަހޫދީންގެ ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި 2،700 އަށް ވުރެ ގިނަ ކުދަކުދިން ހިމެނޭ ކަމަށް ވެސް ހަމާސްއިން ހިންގާ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވި ގޮތުގައި ޔަހޫދީ ދައުލަތުން އެހާ ގިނަ މީހުން މަރަން ޔަހޫދީ އަސްކަރިއްޔާއަށް އިރުޝާދެއް ނުދޭނެ އެވެ. މީހުން މަރުވާ އަދަދަށް ޔަހޫދީ ސަރުކާރުން ވަރަށް ސަމާލުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން އެ ބުނަނާ އަދަދު ގަބޫލުނުކުރައްވާ ކަމަށް ވެސް ބައިޑަން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ހަމާސްގެ ކޮންޓްރޯލް އޮންނަ އިދާރާއަކުން ހާމަކުރާ އަދަދަކަށް އިތުބާރު ނުކުރެއްވޭ ކަމަށެވެ.

އެމެރިިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި އޮތް ނޫސްވެރިންގެ ކޮންފަރެންސެއްގައި ނޫސްވެރިއަކު ބައިޑަންއާ ސުވާލުކުރީ، ޔަހޫދީ ދައުލަތުން ޣައްޒާއަށް ބޮން އަޅައި އެހާ ގިނަ މީހުން މަރަމުން ދާއިރު އެމެރިކާއިން އެ ކަމަށް އެއްވެސް އިރުޝާދެއް ނުދެންތޯ އެވެ. ނޫނީ އެމެރިކާ ބުނާ ބަސް ނާހައި ޔަހޫދީންނަށް ފެނުނުހާ ގޮތަކަށް ހަމަލާދެނީތޯ އެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން ބައިޑަން ވިދާޅުވީ ހަނގުރާމައެއްގައި ނަމަ ކުށެއް ނެތް ކިތަންމެ ބަޔަކު މަރުވާނެ ކަމަށެވެ. އެކަމަކު ފަލަސްތީނުން އެ ބުނާ އަދަދަށް މީހުން މަރުވާނެ ކަމަށް ގަބޫލުކުރަން ދަތި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަލަސްތީނުން އެ ބުނާ އަދަދުގެ ސައްކަން ބެލޭނެ ގޮތެއް ނެތް ކަމަށް ވެސް ބައިޑަން ވިދާޅުވި އެވެ. ފަލަސްތީނުން ގޮދު ހެދުމަކީ ވެސް އެކަށީގެންވާ ކަމެއް ނޫންތޯ ވިިދާޅުވެ ނޫސްވެރިޔާއާ ބައިޑަން ސުވާލުކުރެއްވި އެވެ.

އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން މެރުމަކީ އެއްވެސް ބައެއްގެ ޝައުގަކަށް ނުވާނެ ކަމަށް ވެސް ބައިޑަން ވިދާޅުވި އެވެ. ޔަހޫދީ ދައުލަތުން އެ ކުރާ ހަނގުރާމަ އަކީ ޔަހޫދީންގެ ހިމާޔަތުގައި ކުރާ ހަނގުރާމައެއް ކަމަށާއި، ހަނގުރާމަ އަކީ ކޮންމެހެން ކުރާހިތުން ކުރާ ކަމެއް ނޫން ކަމަށް ވެސް ބައިޑަން ވިދާޅުވި އެވެ.

މީހަކު ނުމަރާ ވޭތޯ ޔަހޫދީ އަސްކަރިއްޔާއިން ވަރަށް ބޮޑަށް ބަލާނެ ކަމަށް ވެސް ބައިޑަން ވިދާޅުވި އެވެ.

ޣައްޒާ ހަނގުމާއާ ގުޅިގެން ފަލަސްތީނުން މަރުވި ކިތައް މީހުންތޯ ބެލުމުގެ ގާބިލުކަން ނެތް ކަމަށް އެމެރިކާއަށް ވިކިފައި އޮތް ރޮއިޓާސް ނޫސް އެޖެންސީން ވަނީ ބުނެފަ އެވެ. އެކަމަކު ނޫސްވެރިން މީޑިއާއަށް ހާމަކޮށްފައި ހުރި މައުލޫމާތަށް ބަލާއިރު، ޔަހޫދީންގެ ހަމަލާތަކުގައި ފަލަސްތީނުން ވަރަށް ގިނަ މީހުން ވަނީ މަރުވެފަ އެވެ.