ދުނިޔެ

ޔަހޫދީން ޣައްޒާގައި ބައިނަލްއަގްވާމީ ގާނޫނާ ޚިލާފެއް ނުވޭ: އިނގިރޭސިވިލާތް

ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރެވޭ ގާނޫންތަކެއް އޮތުމުގެ ބޭނުމަކީ ވެސް ނަސްލު ހިމާޔަތްކުރުމާއި ގައުމު ހިމާޔަތްކުރުން ކަމަށް އިނގިރޭސި އިމިގްރޭޝަން މިނިސްޓަރު ރޮބާޓް ޖެންރިކް ވިދާޅުވެއްޖެ އެވެ.

ޖެންރިކް ވިދާޅުވި ގޮތުގައި ޔަހޫދިން ޣައްޒާއަށް ހަމަލާދެމުން އެ ދަނީ ބައިނަލްއަގްވާމީ މިންގަނޑުގެ ތެރެއިންނެވެ. ބައިނަލްއަގްވާމީ އެއްވެސް ގަވާއިދަކާ ޔަހޫދީން ޚިލާފުވެފައިވާ ކަމަށް އިނގިރޭސި ސަރުކާރު ގަބޫލުނުކުރާ ކަމަށް އޭނާ ވިދާޅުވި އެެވެ.

އިނގިރޭސި އިމިގްރޭޝަން މިނިސްޓަރު މިހެން ވިދާޅުވި ނަމަވެސް، ޔަހޫދީ އަސްކަރިއްޔާއިން ޣައްޒާއަށް ދެމުންދާ ހަމަލާތަކަކީ ހުރިހާ މާނައަކުން ބެލި ނަމަވެސް ޣައިރު ގާނޫނީ ހަމަލާތަކެއް ކަމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވެސް ވަނީ ވިދާޅުވެފަ އެވެ.

އދ ގެ ސަލާމަތީ މަޖިލީހުގައި އަންގާރަ ދުވަހު ވާހަކަދައްކަވަމުން ގުޓަރެސް ވިދާޅުވީ ހަމާސްއިން ޔަހޫދީ އާބާދިތަކަށް ހަމަލާ ދިނުން ރަނގަޅު ނޫން ކަމަށެވެ. އެކަމަކު ހަމަލާދިނީ ޔަހޫދީންގެ ސަބަބުން ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ޣައްޒާގެ ރައްޔިތުން ރަށު ބަންދުގައި ތިބޭތާ 56 އަހަރު ވެއްޖެ ކަމަށް ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ. އެ މީހުންނަށް އެ ފަދަ ނިކަމެތި ހާލެއް ޖެއްސި ބަޔަކު ތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަލަސްތީންގެ ބިންތައް އިސްތިއުމާރުކޮށް އެ މީހުންގެ ދިރިއުޅުމާއި އިގުތިސާދު އަދި ދުނިޔެވީ ހުރިހާ ހައްގެއް ނިގުޅައިގެންފައި އޮތްއިރު އެއީ ބަޔަކަށް ފެންނަ ކަމަކަށް ވެސް ނުހަދާ ކަމަށް ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.

ހަމާސްއަށް އަދަބު ދިނުމުގެ ބަދަލުގައި ފަލަސްތީންގެ އާންމުނަށް ރުޅިބޭލުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފު ކަމެއް ކަމަށް ވެސް ގުޓަރެސް ވިދާޅުވި އެވެ.

ހޮސްޕިޓަލުތަކަށާއި ސްކޫލުތަކަށް އަދި މުގައްދަސް ބިންތަކަށް ހަމަލާދިނުމަކީ ހަނގުރާމައެއްގައި ކުރާ ޒާތުގެ ކަންތައްތައް ނޫން ކަމަށް ވެސް ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.

އދ ގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން ގުޓަރެސް މިހެން ވިދާޅުވި ނަމަވެސް، އދ އޮތީ ފަލަސްތީން މީހުންގެ ރިހުންތަކަށް ހައްލެއް ހޯދައިދެވޭ ހާލުގައެއް ނޫނެވެ.

ޣައްޒާ ހަނގުރާމަ ހުއްޓާލަން ސަލާމަތީ މަޖިލީހަށް ރަޝިއާ ހުށަހެޅި ކަރުދާސް ވެސް ވަނީ ފޭލިވެފަ އެވެ.

އެމެރިކާގެ ނުފޫޒުން ބޭރުވި ދުވަހަކުން ނޫން ގޮތަކަށް ފަލަސްތީނަށް ސުލްހަ ލިބުމަކީ ދުރުކަމެކެވެ.