ދުނިޔެ

ޣައްޒާގެ 150 ބިންގަރާހަކަށް ޔަހޫދީން ހަމަލާދީފި

ޔަހޫދީ އަސްކަރީ ފައިޓަރު ޖެޓުތަކުން ރޭގައި ޣައްޒާގެ 150 ބިންގަރާހަކަށް ހަމަލާދީފައި ވާނެ ކަމަށް ޔަހޫދީ މީޑިއާތަކުން ބުނެފި އެވެ.

ޔަހޫދީ އަސްކަރިއްޔާގެ ތަރުޖަމާން ވިދާޅުވި ގޮތުގައި ހަމަލާތައް އަމާޒުކުރީ ބިމުއަޑީގައި ހުންނަ ހަމާސްގެ އަސްކަރީ ޔުނިޓުތަކަށެވެ. އޭގެ ތެރޭގައި ތަމްރީން މަރުކަޒުތަކާއި ހަމާސްގެ އިދާރީ ހިންގުމާ ގުޅުންހުރި ބިނާތައް ހިމެނޭ ކަމަށް ވަނީ ބުނެފަ އެވެ.

ޣައްޒާއަށް ޔަހޫދީ އަސްކަރިއްޔާއިން ދެމުންދާ ހަމަލާތަކަށް ތިން ހަފުތާ ފުރުނީ އެވެ. ނަމަވެސް، ޔަހޫދީންގެ ހަމަލާތަކަށް މައިތިރިކަމެއް އަދިވެސް ނާދެ އެވެ.

ޔަހޫދީންގެ ހަމަލާތަކުގައި ފާއިތުވި 18 ގަޑިއިރަކީ ޣައްޒާއަށް ބާރުގަދަ ހަމަލާތައް ދިން ވަގުތުތަކެކެވެ.

ޔަހޫދީ އަސްކަރިއްޔާގެ ތަރުޖަމާން ވިދާޅުވި ގޮތުގައި ރޭގެ ހަމަލާތަކުގައި ހަމާސްގެ އެތައް ހަނގުރާމަވެރިންނެއް ވާނީ މަރާފަ އެވެ. އޭގެ ތެރޭގައި ހަމާސްގެ އިސް އޮފިޝަލުން ވެސް ހިމެނޭ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.

ޣައްޒާއިން ލިބޭ ޚަބަރުތައް ބުނާ ގޮތުން މިއަދުވެސް ހަމަލާތައް ކުރިއަށް އެބަދެ އެވެ. ނަމަވެސް، ހުކުރު ދުވަހުގެ ރޭ ދިން ހަމަލާތަކަށް ވުރެ ވަރަށް ބޮޑުތަން މައިތިރި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޔަހޫދީ އަސްކަރިއްޔާއިން ވަނީ ޣައްޒާއަށް ހަމަ ރަނގަޅަށް ވަދެގަނެފަ އެވެ. މިހާރު ހަމަލާތައް ދެނީ ވައިގެ މަގުންނާއި އެއްގަމު މަގުން އެކިތަންތައް ކަށަވަރުކުރުމަށް ފަހު އެވެ.

ހަމާސްގެ އޮފިޝަލުން ބުނާ ގޮތުން ޣައްޒާއަށް އެއްގަމު މަގުން ޔަހޫދީ ސިފައިން އަރައިގަތް ނަމަވެސް، އެ މީހުންގެ އަމާޒަކަށް ވާސިލެއް ނުވެވުނެވެ. އަދި ޔަހޫދީން ރާވާފައި އޮތް ގޮތަށް ޣައްޒާ ތެރޭގައި ފެތުރި ނުގަނެވުނު ކަމަށް ވެސް އޭނާ ބުންޏެވެ.

ޔަހޫދީ އަސްކަރިއްޔާއިން ނެރުނު އެހެެން ބަޔާނެއްގައި ބުނެފައިވާ ގޮތުން ރޭގެ ހަމަލާތަކުގައި މަރާލެވުނު އެންމެ މުހިންމު މީހަކީ ހަމާސްގެ ހަމަލާތައް ރޭވުމަށް ކުޅަދާނަ އާސިމް އަބޫ ރަކާބާ އެވެ. އޭނާ އަކީ މި މަހު ހަތެއްގައި ޔަހޫދީ އާބާދީތަކަށް ހަމަލާދިނުމުގައި ވަަރަށް އިސް ދައުރެއް އަދާކުރި މީހެއް ކަމަށް ޔަހޫދީ އަސްކަރިއްޔާއިން ވަނީ ބުނެފަ އެވެ.

ހަމާސްއިން ޔަހޫދީ އާބާދީތަކަށް ދިން ހަމަލާތައް ހިމެނޭ ގޮތުން މިހާތަނަށް 1،400 ޔަހޫދީއަކު ވަނީ މަރާލާފަ އެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުން ޔަހޫދީން ހަމަލާތަކުގައި މިހާތަނަށް 7،300 މީހަކު ވަނީ މަރުވެފަ އެވެ.