ތިލަމާލެ ބްރިޖާއި ގުޅިފަޅުގައި ހަދާ ރާއްޖޭގެ މައި ވިޔަފާރި ބަނދަރު -- ގުޅިފަޅު ޕޯޓް މަޝްރޫއަށް އަންނަ އަހަރުގެ ބަޖެޓްގައި 1.6 ބިލިއަން ރުފިޔާ ހިމަނައިފި އެވެ.
ބަޖެޓް ފޮތުގައިވާ ގޮތުން ތިލަމާލެ ބްރިޖު މަޝްރޫއަށް އަންނަ އަހަރު ވަނީ 827 މިލިއަން ރުފިޔާ ހިމަނާފަ އެވެ. ބަނދަރު ހެދުމަށް އަދި މާބޮޑު މަސައްކަތެއް ކޮށްފައި ނުވި ނަމަވެސް ގުޅިފަޅު ޕޯޓް މަޝްރޫއަށް އަންނަ އަހަރުގެ ބަޖެޓްގައި 527 މިލިއަން ރުފިޔާވެސް ވަނީ ހިމަނާފަ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ތިލަމާލެ ބްރިޖު މަޝްރޫއާއި ގުޅިފަޅު ޕޯސްޓް މަޝްރޫއުގެ މަސައްކަތް ފެށީ އެކުއެކީގައި ކުރިއަށް ގެންދާ ދެ މަޝްރޫއުގެ ގޮތުގައެވެ.
ތިލަމާލެ ބްރިޖާއި ގުޅިފަޅު ޕޯޓް މަޝްރޫއަކީ އިންޑިއާ އިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ފެސިލިޓީގެ ތެރެއިން ހަރަދުކުރާ ދެ މަޝްރޫއަށްވާތީ މިސަރުކާރުގައި މި ދެ މަޝްރޫއުވެސް ކުރިއަށް ގެންދަނީ ހަމައެކަނި އިންޑިއާގެ ކުންފުނިތަކަށް ފުރުސަތު ލިބޭ ގޮތަށެވެ. އެގޮތުން ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަނީ އިންޑިއާގެ އެފްކޮންސް އިންނެވެ. ގުޅިފަޅުގައި ޕޯޓް ހަދައިދޭނެ އިންޑިއާ ކުންފުންޏެއް ހޯދުމަށްވެސް މިހާރު ވަނީ ބީލަމަށް ލާފަ އެވެ.
ގުޅިފަޅުގައި ހެދުމަށް ނިންމާފައިވާ ބަނދަރުގެ މަސައްކަތް 2026 ވަނަ އަހަރު ނިމޭނެ ކަމަށް މިސަރުކާރުން ލަފާކުރެ އެވެ. އަދި މިމަޝްރޫއު ނިމުމާ އެކު އެކު މާލޭގައި މިހާރު ހިންގާ ވިޔަފާރި ބަނދަރުގެ މަސައްކަތް ހުއްޓާލުމަށް އޮތީ ނިންމާފަ އެވެ.
ގުޅީފަޅު އިންޓަނޭޝަނަލް ޕޯޓް ޑިވްލޮޕްމަންޓަށް ކޮންސެލްޓެންސީ ދިނުމަށް ހަވާލުކުރީ ނިރާސް ކުންފުންޏާއި މެރިޓައިމް ޓްރާންސްޕޯޓް ބިޒްނަސް ސޮލިއުޝަންސް (އެމްޓީބީއެސް) އަދި ސަބް ކޮންސެލްޓެންސީގެ ގޮތުގައި ހަރަކާތްތެރިވާނީ ވޯޓާ ސޮލިއުޝަން އާއި ކްލިއާރެއިން މޯލްޑިވްސް އަދި ބީޗްރޮކް ވެންޗާ އެވެ.
ނިރާސްއަކީ ޑެންމާކުގެ ކުންފުންޏެކެވެ. މެރިޓައިމް ޓްރާންސްޕޯޓް ބިޒްނަސް ސޮލިއުޝަން (އެމްޓީބީއެސް) އަކީ ހޮލެންޑުގެ ކުންފުންޏެކެވެ. ދެން ހިމެނެނީ ރާއްޖޭގެ ކުންފުނިތަކެެކެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް އަންނަ އަހަރު ނިމޭނެ ކަމަށްވެސް ރައީސް ސޯލިހްގެ ސަރުކާރުން ލަފާކުރެ އެވެ.