އެފްކޮންސް

އަލިފާނުގައި 76 މީހަކަށް އަނިޔާވެ ބޮޑު ގެއްލުމެއް

Dec 16, 2022
1

ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ގުޅިފަޅުފައި ދިރިއުޅުމަށް ބޭނުންކުރާ ތަނުގައި ވަރަށް ބޮޑަށް ރޯވެ އެނދި ހާދިސާގައި 70 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެ އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ރޭ މެންދަމު 12:30 ހާއިރު ހިނގި މިހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން 63 މީހުންނަށް ފަރުވާ ދެނީ ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލްގަ އެވެ. އިތުރު 13 މީހަކަށް ފަރުވާ ދެނީ އައިޖީއެމްއެޗްގަ އެވެ.

މިހާދިސާގައި އަނިޔާވި ޖުމްލަ 76 މީހުންގެ ތެރެއިން ހަ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

އަލިފާން ރޯވި ތަނުގައި 465 މީހަކު ދިރިއުޅުނު ކަމަށްވެ އެވެ. އަލިފާން ރޯވެ ވަރަށް ބާރަށް އަލިފާންގަނޑު ފެތުރިގަތުމާ އެކު ސަލަމާތްވުމަށްޓަކައި ބައެއް މީހުން ވަނީ އިމާރާތުގެ މާތީ ފަންގިފިލާތަކުން ތިރިއަށް ފުންމާލާފަ އެވެ. އެގޮތަށް ފުންމާލުމުގެ ސަބަބުން އަތާއި ފައި ބިނދިފައިވާ މީހުންނަށާއި ފިހިގެން އަދި ނޭވާ ހާސްވެގެންވެސް ފަރުވާ ދެ މީހުން އަނިޔާވި މީހުންގެ ތެރޭގައި ހިމެނެ އެވެ.

އަލިފާނުގެ މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެއްވެސް އިދާރާ އަކުން ހާމައެއް ނުކުރެ އެވެ.

އެމްއެންއެންޑީއެފް އިން ބުނީ އަލިފާން ރޯވި ކަމަށް ރިޕޯޓްކޮށްފައިވަނީ ރޭ މެންދަމު 12:31 ހާއިރު ކަމަށެވެ. އެމްއެންޑީއެފްގެ ފަޔާމަނުން ގުޅިފަޅަށް ގޮސް ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ މެންދަމު 1:52 ހާއިރު ކަމަށްވެސް ބުންޏެވެ.

އަލިފާނުގެ މި ހާދިސާ އާއި ގުޅިގެން އެފްކޮންސްގެ މުވައްޒަފުން ދިރިއުޅުނު އެކޮމަޑޭޝަން ބްލޮކް ވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ.

އެފްކޮންސް ކުންފުނިން ބުނީ އަލިފާން ރޯވާން ދިމާވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ކުންފުނީގެ މުވައްޒަފުން ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށެވެ.