މޯލްޑިވްސް ޕޮލިސް ސާވިސް

ގުޅިފަޅުން ފެނުނު ހަށިގަނޑަކީ ގެއްލިގެން ހޯދަމުން ދިޔަ މީހާ

Feb 23, 2023

ގުޅިފަޅުގައި އަލިފާން ރޯވި ސަރަހައްދުން ފެނުނު އިންސާނެއްގެ ހަށިގަނޑަކީ އެތަނުން ގެއްލިގެން ހޯދަމުންދިޔަ މީހާ ކަަމަށް ފުލުހުންް ބުނެފި އެވެ.

ހަށިގަނޑުގެ ސާމްޕަލް ޓެސްޓްތަކެއް ހެދުމަށްފަހު ފުލުހުން ބުނީ ގުޅިފަޅުގައި އަލިފާން ރޯވި ތަނުން ފެނުނު ހަށިގަނޑުގެ ބައިތަކަކީ އެ ހާދިސާއަށްފަހު ގެއްލިގެން ހޯދަމުން ދިޔަ މީހާ ކަމަށެވެ.

އިންޑިއާ އަށް ނިސްބަތްވާ މި މީހާގެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށްޓަކައި މި ހަފްތާގެ ތެރޭގައި އެ ގައުމަށް ފޮނުވުމަށްވެސް ފުލުހުން ވަނީ ނިންމާފަ އެވެ.

ގުޅިފަޅުގައި މިދިޔަ ޑިސެމްބަރު 16 ވަނަ ދުވަހުގެ ރޭ ރޯވީ ތިލަމާލެ ބްރިޖު އެޅުމަށް ރާއްޖެ އައިސްގެން އުޅޭ އެފްްކޮންސް ކުންފުނީގެ މުވައްޒަފުން ތިބުމަށް ހާއްސަކޮށްފައިވާ ތަނުގަ އެވެ.

އަލިފާން ރޯވި ތަނުގައި 465 މީހަކު ދިރިއުޅުނެވެ. އަލިފާން ރޯވެ ވަރަށް ބާރަށް އަލިފާންގަނޑު ފެތުރިގަތުމާ އެކު ސަލަމާތްވުމަށްޓަކައި ބައެއް މީހުން ވަނީ އިމާރާތުގެ މާތީ ފަންގިފިލާތަކުން ތިރިއަށް ފުންމާލާފަ އެވެ. އެގޮތަށް ފުންމާލުމުގެ ސަބަބުން އަތާއި ފައި ބިނދިފައިވާ މީހުންނަށާއި ފިހިގެން އަދި ނޭވާ ހާސްވެގެން ބައެއް މީހުންނަށް ފަރުވާ ދީފައިވެ އެވެ.