މޯލްޑިވްސް ޕޮލިސް ސާވިސް

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުން ހަށިގަނޑެއްގެ ބައިތަކެއް

ގުޅީފަޅުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުނު މީހާ ހޯދުމަށް ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިން އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެެއް ކަމަށް ބެލެވޭ ބައިތަކެއް ފެނިއްޖެ އެވެ.

ފުލުހުން ބުނީ ގުޅީފަޅުގައި ހިނގި އަލިފާނުގެ ހާދިސާގައި އެކަކު ގެއްލިފައިވާ ކަމަށް އެތަނުގައި ދިރިއުޅޭ މީހުން ރިޕޯޓު ކުރުމުން އެ ސަރަހައްދު ބަލަމުން ދަނިކޮށް އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ބެލެވޭ ބައިތަކެއް ފެނިފައިވާ ކަމަށެވެ.

ފުލުހުން މިހާރު ދަނީ އެއީ އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއްތޯ އާއި އެއީ ގެއްލިގެން ހޯދަމުންދާ މީހާގެ ހަށިގަނޑުގެ ބައިތަކެއްތޯ ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ދިރިއުޅުމަށް ބޭނުންކުރާ ތަނުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ދަންވަރު އެވެ.

އަލިފާން ރޯވި ތަނުގައި 465 މީހަކު ދިރިއުޅުނެވެ. އަލިފާން ރޯވެ ވަރަށް ބާރަށް އަލިފާންގަނޑު ފެތުރިގަތުމާ އެކު ސަލަމާތްވުމަށްޓަކައި ބައެއް މީހުން ވަނީ އިމާރާތުގެ މާތީ ފަންގިފިލާތަކުން ތިރިއަށް ފުންމާލާފަ އެވެ. އެގޮތަށް ފުންމާލުމުގެ ސަބަބުން އަތާއި ފައި ބިނދިފައިވާ މީހުންނަށާއި ފިހިގެން އަދި ނޭވާ ހާސްވެގެން ބައެއް މީހުންނަށް ފަރުވާ ދީފައިވެ އެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެ އެވެ.

އަލިފާނުގެ މި ހާދިސާ އާއި ގުޅިގެން އެފްކޮންސްގެ މުވައްޒަފުން ދިރިއުޅުނު އެކޮމަޑޭޝަން ބްލޮކް ވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ.

އެފްކޮންސް ކުންފުނިން ބުނީ އަލިފާން ރޯވާން ދިމާވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ކުންފުނީގެ މުވައްޒަފުން ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށެވެ.