ދުނިޔެ

ޔަހޫދީންގެ ހަމަލާތަކުގައި ގަތުލުއާންމެއްގެ ސިފަ ހުރީ ޖެހިފައި

ޔަހޫދީ ސަރުކާރުގެ ރޭވުމަކީ ފަލަސްތީންގެ ނަސްލު ނައްތާލުން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް އދގެ ކުރީގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

އދގެ އިންސާނީ ހައްގުތަކާ ބެހޭ ޑައިރެކްޓަރެއް ގޮތުގައި އެ ޖަމާއަތުގައި ކުރިން މަސައްކަތްކުރެއްވި ކްރޭގް މޮޚިބާ ވިދާޅުވި ގޮތުން ޔަހޫދީންގެ އަނިޔާވެރި އަމަލުތަކުގެ މިސްރާބު ހުރީ ގަތުލުއާންމަކާ ދިމާއަށެވެ.

އޮކްޓޯބަރު ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން ޔަހޫދީ އާބާދީތަކަށް ދިން ހަމަލާތަކަށް ބަދަލުހިފުމަށް ޔަހޫދީން ފުރަތަމަ ފަށައިގަތީވެސް މީހުން ކަތިލުމުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަނގުރާމައެއްގައި ހަނގުރާމަވެރިން ބަލިކުރުމަށްވުރެ ބޮޑު ވިސްނުމެއް ޔަހޫދީން ގެންގުޅުނީ ފަލަސްތީންގެ ވަކި ހިސާބަކުން މުޅި އާބާދީ ފޮހެލުމަށް ކަމަށެވެ.

ޔަހޫދީންނަށް ފަލަސްތީންގެ އަވަށްތަކަށް މިހާ ބޮޑުވަރު މިކުރެވެނީ އދގެ ސަބަބުން ކަމަށްވެސް އޭނާ ތުހުމަތުކުރެއްވި އެވެ. ދުނިޔޭގައި ސުލްހަ ބެލެހެއްޓުމަށް އދ މިހާރު ކަމުނުދާ ކަމަށްވެސް އޭނާގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

އޮފިޝަލް ވިދާޅުވީ އދގެ ސަލާމަތީ މަޖިލީސްގައި ވަކި ބައެއްގެ ބާރު މާބޮޑުވުމުގެ ސަބަބުން ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ބުރޫއަރައި އެކަން ހުއްޓިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ޣައްޒާ އެހާ ބޮޑަށް ހާލުގައި ޖެހިފައި އޮތް އިރުވެސް އެމެރިކާ ބެލީ އިންސާނީ އެހީތައް ހިފެހެއްޓޭތޯ ކަމަށެވެ. ދުނިޔޭގެ އާންމު އަބާދީގެ ކުރިމަތީގައި އދ އަކީ އެއްވެސް ބާރެއް ނެތް ޖަމާއަތަކަށް ވެއްޖެ ކަމުގައިވެސް ވިދާޅުވި އެވެ. އެހެންވެ އދ އަކީ މިހާރު ވަކި ބައެއްގެ މުހުތާދު ފުއްދަން ބޭނުންކުރާ ވަސީލަތެއް ކަމުގައި އޭނާ ދެކެ އެވެ.

އޮފިޝަލް ތުހުމަތުކުރެއްވި ގޮތުގައި ޔަހޫދީންނަށް ބާރުދެނީވެސް އދ ތެރެއިންނެވެ. އެހެންވެ ފަލަސްތީންގެ ނަސްލު ނައްތާލުމުގައި އދ ބައިވެރިވާ ކަމަށްވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

އދގެ ނަމުގައި ޖަމާއަތެއް އުފެއްދުމުގެ ބޭނުމަކީ ދުނިޔޭގައި ސުލްހަ ބެލެހެއްޓުން ކަމަށާއި ޔަހޫދީ ސަރުކާރަށް ސުލްހަ މުހިއްމުވާ ގޮތަށް ފަލަސްތީނަށްވެސް ސުލްހަ ބޭނުންވާނެކަން އދ އަށް ނޭނގެނީތޯ އޭނާ ސުވާލުކުރެއްވި އެވެ.

އދ އަކީ މުހިއްމު ޖަމާއަތެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އދ އަށް ފާޑުކިޔެނީ އެ ޖަމާއަތުގެ ބައެއް ގުނަވަންތައް މާބޮޑަށް ފޭލިވެފައި އޮތުމުން ކަމަށްވެސް ވިދާޅުވި އެވެ.

އދގައި ވަރަށް ރަނގަޅަށް ހަރަކާތްތެރިވާ ގުނަވަންތައް ހުރި ކަމަށްވެސް އޭނާގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.