ދުނިޔެ

ޣައްޒާގެ އުމްރާނީ ތަރައްގީގެ 18 ޕަސެންޓް ސުންނާފަތިކޮށްފި: އދ

ޒަޔަނިސްޓް ޔަހޫދީން އޮކްޓޯބަރު ހަތަކުން ފެށިގެން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ޣައްޒާގެ އުމްރާނީ ތަރައްގިގެ 18 ޕަސެންޓް މުޅިން ސުންނާފަތިކޮށްފި ކަމަށް އދ އިން ބުނެފި އެވެ.

އދ އިން ބުނާ ގޮތުން މި މައުލޫމާތަކީ އެ އޭޖެންސީގެ ސެޓެލައިޓް ހިދުމަތް -- ޔުނައިޓެޑް ނޭޝަންސް ސެޓެލައިޓް ސެންޓަރުން ސާވޭކޮށް ހޯދާފައި ހުރި މައުލޫމާތެވެ.

ސެޓެލައިޓްތަކުން ނަގާފައި ހުރި ޣައްޒާގެ ފޮތޯތަކުން ދައްކާ ގޮތުން އޮކްޓޯބަރު ހަތެއްގެ ހަމަލާތަކުގެ ސަބަބުން ޣައްޒާއަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށް އދ އިން ބުނެ އެވެ.

އދގެ ސެޓެލައިޓްތަކުން ޣައްޒާގެ ހާލަތު ބަލާ ކަމަށް އެ ޖަމާއަތުން ބުނި ނަމަވެސް ޒަޔަނިސްޓް ޔަހޫދީން ޣައްޒާއަށް ދެމުން ގެންދާ ފަނާކުރަނިވި ހަމަލާތައް ހުއްޓުވުމުގެ އެއްވެސް ބާރުވެރިކަމެއް އެޖަމާއަތުގެ އެއްވެސް ގުނަވަނަކަށް -- އޭޖެންސިއަކަށް ނެތެވެ.

އދ އަކީ ބޮޑެތި ބަސްތައް ބުނެ ހަބަރު ސުރުހީ ޖަހާ ޖަމާއަތެކެވެ. އދގައި ވޯޓުކުރުމުގެ ބާރު އެއްވެސް ބަޔަކަށް އޮތް ނަމަ -- އދ އޮތުމަށް ވުރެ ރަނގަޅު ވާނީ ނެތުމެވެ.

އދ ފަދަ ދުނިޔޭގެ ސުލްހަ ބަލަހައްޓާ ޖަމާއަތެއް މުހިއްމު ވަނީ ނުހައްގުން ލިބޭ އަނިޔާތަކާއި ގެއްލުންތައް ހުއްޓުވުމަށެވެ.

ޒަޔަނިސްޓް ޔަހޫދީން ފަލަސްތީންގެ ނިކަމެތިން ގެއިން ބޭރުކޮށް އިމާރާތްތައް ތަޅާ ސުންނާފަތިކުރަމުން ގެންދާއިރުވެސް އދ އޮތީ އޮތް ތަނުގަ އެވެ.

އދ އަށް ދުނިޔެއަށް ކަމެއް ކޮށްދެވެން އޮތީ އެ ޖަމާތުގެ ކޮރުކަން ފިލުވައިގެންނެވެ.

ސެޓެލައިޓް ބޭނުންކޮށްގެ އދ އިން ކުރާ ސާވޭ އަކުން ފަލަސްތީންގެ ރައްޔިތުންނަށް ލިބޭނެ މަންފާއެއް ނެތެވެ. ޣައްޒާ އާރާސްތުކުރުމަށް އދ އަށް ވުރެ ގިނަ ފައިސާ ސައޫދީ އަރަބިއްޔާ އާއި ގަތަރު އަދި ޔުނައިޓެޑް އަރަބި އެމިރޭޓްސްއިން ވެސް ދޭނެ އެވެ.

ޣައްޒާ މިހާރު ދުނިޔޭގެ އެހީއަށް ބޭނުންވެފައި އޮތްއިރު ވެސް، އދ ގައި ވީޓޯކުރުމުގެ ބާރު އޮތް އެއްވެސް ގައުމަކުން އަޅާލާ ވަރަށް ވުރެ ބޮޑަށް އަރަބި ގައުމުތަކުން ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދެ އެވެ.

އދ ގައި ހިމެނޭ ހުރިހާ ގައުމަކުން ޣައްޒާ ގަރާރަށް ވޯޓުދިން ނަމަވެސް -- ވީޓޯކުރުމުގެ ބާރު އޮތް ގައުމަކުން އެ ގަރާރާ ދެކޮޅަށް ވޯޓުދިނުމާ އެކު އެ ގަރާރެއް ފޭލިވީ އެވެ. އދ އަށް ދެން ޖެހޭނީ ބަހެއް ނުބުނެ ހިމޭންވާށެވެ.