ހަބަރު

ޕާޓީތަކުގެ މަޝްވަރާގައި ޖޭޕީން ބައިވެރިވާނެ ބޭފުޅުން ކަނޑައަޅައިފި

Jan 26, 2015

ގާނޫނު އަސާސީގެ ދިފާއުގައި އިދިކޮޅު ޕާޓީތަކުން ބާއްވާ މަޝްވަރާތަކުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ބައިވެރިވާނެ ބޭފުޅުން އެ ޕާޓީން ކަނޑައަޅައިފި އެވެ.

ޖޭޕީގެ ނައިބު ލީޑަރު އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ޕާޓީތަކުގެ މެދުގައި ބާއްވާ މަޝްވަރާގައި އެ ޕާޓީގެ ފަރާތުން ހަ ބޭފުޅުން ބައިވެރިވާނެ ކަމަށެވެ. އެއީ އޭނާގެ އިތުރުން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ކަނޑިތީމު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދާއި ކުރީގެ ރައީސް މައުމޫންގެ ސަރުކާރުގައި އިސް މަގާމުތަކެއް ފުރުއްވި އަބްދުﷲ ކަމާލުއްދީންގެ އިތުރުން ޑރ. ހުސައިން ރަޝީދެވެ.

އެ މަޝްވަރާތަކުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވާނެ ބޭފުޅުން އެ ޕާޓީން ވެސް ވަނީ ކަނޑައަޅައިފަ އެވެ. އެމްޑީޕީގެ ފަރާތުން އެ މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަންނަވަނީ އެ ޕާޓީގެ ޗެއާޕާސަން އަލީ ވަހީދާއި ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީގެ އިތުރުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު އަދި މާލޭ ސިޓީގެ މޭޔަރު މުހައްމަދު ޝިހާބެވެ.

އެމްޑީޕީގެ ފަރާތުން އެ މަޝްވަރާތަކުގައި ބައިވެރިވާ ބޭފުޅުންނާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ބައްދަލު ކުރައްވައިފަ އެވެ.

އަދާލަތު ޕާޓީން ބުނެފައިވަނީ އެ މަޝްވަރާތަކުގައި އެ ޕާޓީގެ ފަރާތުން ބައިވެރިވާން އެ ޕާޓީން މިހާތަނަށް ނިންމާފައިނުވާ ކަމަށެވެ.