ބޮލީވުޑް

ސަންޖޭ ދަތު ބުރާސްފަތި ދުވަހު މިނިވަންވަނީ

Feb 23, 2016
2

ނަވާރަސަތޭކަ ނުވަ ދިހަ ތިނެއްގައި މުމްބައިގައި ހިނގި ބޮން ގޮއްވުމުގެ ހާދިސާތަކުގައި އަމިއްލަ ނަފްސު ހިމާޔަތްކުރުމަށް ހުއްދަ ނޫން ހަތިޔާރެއް އަތުގައި ބެއްވުމުގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލާފައިވާ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަންޖޭ ދަތު ބުރާސްފަތި ދުވަހު މިނިވަންވާނެ އެވެ.

ޕޫނާގެ ޔަރްވެދާ ޖަލުގައި ހުކުމް ތަންފީޒުކުރަމުން އަންނަ ސަންޖޭ ހުކުމުގެ މުއްދަތު ނިމުމުގެ ކުރިން ބުރާސްފަތި ދުވަހު މިނިވަންވާނެ ކަމަށް މަހަރާޝްތުރަ ސަރުކާރުގެ އޮފިޝަލަކު ބުނެފައިވާ ކަމަށް ނޫސްތަކުގައިވެ އެވެ.

ފަސް އަހަރު ދުވަހު ޖަލުގައި ހުކުމް ތަންފީޒުކުރުމަށް ހޭދަކުރުމަށްފަހު ސަންޖޭ މިނިވަން ކުރުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 ޖަހާއިރު އެވެ. އަދި ސަންޖޭ ޖަލުން މިނިވަންވާއިރު، އޭނާގެ އަންހެނުން މާންޔަތާއާ ކުދިންގެ އިތުރުން އާއިލާގެ މެމްބަރުން އޭނާއާ ހަވާލުވުމަށް ޖަލަށް އަންނާނެ ކަމަށް ވެސްވެ އެވެ.

ސަންޖޭ ޖަލުން މިނިވަން ވުމުގެ އުފަލުގައި ޖަލުގެ ބޭރުގައި އޭނާއަށް މަރުހަބާ ކިޔުމުގެ ކުޑަ ރަސްމިއްޔާތެއް އާއިލާގެ ފަރާތުން ބޭއްވުމުގެ ހުއްދައަށް އެދުމުން ޔަރްވެދާ ޖަލުގެ އޮފިޝަލުން ވަނީ ސަންޖޭގެ ސަޕޯޓަރުންނާއި މީޑިއާ އެއްވުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށްޓަކައި އެކަމަށް ހުއްދަނުދީފަ އެވެ.

ސަންޖޭ މިނިވަންވަނީ އޭނާގެ ހުކުމުގެ ބާކީ އޮތް ބައި މަހަރާޝްތުރަ ސަރުކާރުން މާފުކޮށްދިނުމުންނެވެ. ބުނެވޭ ގޮތުގައި ސަންޖޭ ދަތު އަވަހަށް މިނިވަން ވަނީ، ޖަލުގައި ހުކުމް ތަންފީޒުކުރުމަށް ވޭތުވި ގާތްގަނޑަކަށް ތިން ވަރަކަށް އަހަރުގެ ތެރޭގައި އޭނާގެ އަހުލާގު ރަނގަޅު ކަމުންނެވެ.

އެންމެފުރަތަމަ މިމައްސަލައިގެ ކުށް ސާބިތުވެ 2007 ވަނަ އަހަރު ސަންޖޭގެ މައްޗަށް ދަށުކޯޓުން ވަނީ ހަ އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދި 18 މަސްދުވަހު ޖަލުގައި ހޭދަކުރުމަށްފަހު ވަނީ ކަފާލާތުގެ ދަށުން މިނިވަންކޮށްފަ އެވެ. ފަހުން މިމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ވަނީ ހައަހަރުގެ ހުކުމް ފަސް އަހަރަށް ބަދަލުކޮށްފަ އެވެ. ކުރިން ޖަލުގައި ސަންޖޭ 18 މަސްދުވަސް ހޭދަކޮށްފައިވާތީ މިހާރު ޖަލުގައި ސަންޖޭ ހޭދަކުރަމުން ދަނީ ހުކުމުގެ ބާކީ އޮތް ތިން އަހަރާއި ހަމަސް ދުވަހު އެވެ.

ކަފާލާތުގެ ދަށުން މިނިވަން ކޮށްފައި ހުރުމަށްފަހު ދެވަނަ ފަހަރަށް ސަންޖޭ ޖަލަށް ގެންގޮސްފައިވަނީ 2013 ވަނަ އަހަރުގެ މޭ މަހު އެވެ. ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ދުވަސްތަކުގައި އެކި ފަހަރު މަތިން ސަންޖޭ ވަނީ ބަލިވެގެންނާއި އާއިލާ ބައެއް މީހުން ބަލިވެގެން ގިނަ ދުވަސްތަކެއް ޖަލުން ބޭރުގައި ހޭދަކޮށްފަ އެވެ.

ހަމަ ޔަގީނުންވެސް ސަންޖޭ ޖަލުން މިނިވަން ވުމަކީ އޭނާގެ އާއިލާގެ އިތުތުން ސަޕޯޓަރުންނާއި ފިލްމު އިންޑަސްޓްރީ އަށް ލިބިގެންދާނެ ބޮޑު އުފަލެކެވެ. މިހާރު ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީ އަންނަނީ ސަންޖޭ މިނިވަން ވުމުން އޭނާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ މަސައްކަތްކުރަމުންނެވެ. އަދި މިފިލްމުގެ ޝޫޓިން ސަންޖޭ ޖަލުން މިނިވަންވުމުން ފެށޭނެ ކަމަށް ހިރާނީ ވަނީ ބުނެފަ އެވެ. އަދި ސަންޖޭ ވެސް ވަނީ އޭނާގެ ޖަލުގެ އެކިވެރިޔަކާ ބޭގޮތުންވެސް ފިލްމެއް ހަދާނެ ކަމަށް ބުނެފަ އެވެ.