މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ

ވެލާ އާއި މަޑި ހިމާޔަތްކުރަން އިސްކަންދީގެން އުސޫލެއް ހަދައިފި

ރާއްޖޭގައި ހިމާޔަށް ކޮށްފައިވާ ދިރޭ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް ތިމާވެއްޓާ ބެހޭ މިނިސްޓްރީން އެކުލަވާލައިފި އެވެ.

ގެޒެޓްކޮށްފައިވާ މި އުސޫލުގައި ވަނީ ހަތަރު ބާވަތެއްގެ ދިރޭ ތަކެތި ހިމާޔަތްވެސްކޮށްފަ އެވެ. މީގެތެރޭގައި ހިމެނެނީ ވެލާ / ކަހަނބު، ކަންޒުކަހަނބު، މަޑީގެ އާއިލާގެ ހުރިހާ ދިރުންތައް އަދި ހިމާޔަތްކޮށްފައިވާ ދޫނީގެ ބާވަތްތަކެވެ.

ދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވާއިދަށް ގެނައި މިއުސޫލު ހިމަނާފައިވަނީ ގަވައިދުގެ ޖަދުވަލު ހައެއްގައެވެ.

އުސޫލުގައިވާ ގޮތުން ވެލާ، އާއި ކަހަބާ އެކު ފަތާއިރު ނުވަތަ ފީނާއިރު އެއާ އެންމެ ކައިރީގައި އުޅެވޭނީ ހަ ފޫޓް ދުރުމިނުގައެވެ. ކަންޒުކަހަނބެއް ނަމަ އެއް މީޓަރުގެ ދުރުމިން ބަހައްޓަން ޖެހެ އެވެ.

މަޑިއުޅޭ ސަރަހައްދުގައި މޫދަށް އެރި އުޅޭއިރު ނުވަތަ ޑައިވް ކުރާ އިރު ނުވަތަ ސްނޯކޮލްކޮށް ފީނާ ހަދާއިރު އަމަލުކުރަންޖެހޭ ގޮތްވެސް އުސޫލުގައި ހިމަނާފައިވެ އެވެ. މިގޮތުން ފީނާ ހަދާއިރު މަޑިއާ ތިން މީޓަރުގެ ދުރުމިން ބަހައްޓަން ޖެހެ އެވެ.

ހިމާޔަތްކޮށްފައިވާ ދޫނީގެ ބާވަތްތަކާ އެންމެ ކައިރިވެވޭނީ ދެ މީޓަރުގެ ދުރުމިނެއް ބަހައްޓައިގެން ކަމަށްވެސް އުސޫލުގައި ވަނީ ކަނޑައަޅާފަ އެވެ.