އޮކްޓޯބަރު ހަތަކުން ފެށިގެން ޔަހޫދީ އަސްކަރީ ޖެޓުތަކުން ފަލަސްތީންގެ ޣައްޒާއަށް ދެމުން ގެންދާ ފަނާކުރަނިވި ހަމަލާތަކަށް އެއް މަސް ފުރުނީ އެވެ. ފާއިތުވި 30 ދުވަހުގެ ތެރޭގައި -- ޔަހޫދީންގެ ހަމަލާތައް އެންމެ ވަރުގަދަކުރީ މަސްދުވަސް ފާހަގަކުރުމުގެ ގޮތުން، ރޭގަ އެވެ.
ޣައްޒާއަށް ޔަހޫދީން ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށް ދުނިޔެ ގޮވާލިއެއް ކަމަކު، ހަމަލާތައް ހުއްޓާލަން -- ޔަހޫދީންގެ ބޮޑުބޭބެ -- އެމެރިކާގެ ރައީސް ޖޯ ބައިޑަން ބޭނުންފުޅެއް ނުވެ އެވެ.
އޭގެ ބަދަލުގައި ޔަހޫދީންނަށް ޒަމާނީ ހަތިޔާރު ފޯރުކޮށްދިނުމުގައި ދެމިއޮންނާނެ ކަމަށް ބައިޑަންގެ ސަރުކާރުން ދަނީ ބުނަމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަމާޒަށް ވާސިލުވުމުގައި އެވަރެއް ނެތް ވަރުގެ ކުޅަދާނަކަމެއް ލިއްބައިދީފައިވާ ބޮން ޔަހޫދީނަށް ފޯރުކޮށްދިނުމަށް ޓަކައި ބައިޑަން ސަރުކާރުން މިހާރު ވަނީ ބަޖެޓް ފާސްކޮށްފަ އެވެ.
އޮފިޝަލުން ބުނާ ގޮތުން ޔަހޫދީ އަސްކަރިއްޔާއަށް 320 މިލިއަން ޑޮލަރުގެ ބޮން އެމެރިކާއިން ފޮނުވާނެ އެވެ. މިއީ އޭގައި ހިމަނާފައި ހުރި ޓެކްނޮލޮޖީގެ ސަބަބުން އަމާޒުން ކައްސާލައިގެން ދިއުން ނާދިރު ބޮމެއް ކަމަށް ބުނެވެ އެވެ.
ހަމާސް ބަލިކޮށް ދުނިޔެއިން ފޮހެލުމަށް ކަމަށް ބުނެ ޔަހޫދީން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކަށް މަސް ދުވަސް ވީއިރު، ޣައްޒާގެ ހޮސްޕިޓަލުތަކަށް އެނގިގެން މަރުވި މީހުންގެ އަދަދު 10،000 އަށް ވުރެ ވަނީ އިތުރުވެފަ އެވެ.
މިއީ ހިސާބުކިތާބު ބެލެހެއްޓިގެން އަދަދުކުރެވިފައިވާ ވަރެވެ. އިމާރާތްތަކުގެ ދަށުގައި އަދި ޔަހޫދީންގެ ރޮކެޓް ހަމަލާތަކުގައި އެހެނިހެން ތަންތަނުގައި ވަޅުލެވިފައި ތިބި މީހުން މި އަދަދުގެ ތެރޭގައި ނުހިމެނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ހަނގުރާމަ ފެށިއިރު ވެސް، ޔަހޫދީންގެ ނިޔަތަކީ ޣައްޒާގެ އުތުރުކޮޅު އެއްކޮށް ހުސްކުރުމެވެ. މިކަމަށް މަގުފަހިކުރުމަށް ޔަހޫދީ ސިފައިން އެއްގަމު މަގުން ޣައްޒާއަށް އަރައިގަނެ، ޣައްޒާ ވަނީ މިހާރު ގާތްގަނޑަކަށް ދެބައިކޮށްފަ އެވެ.
ޔަހޫދީންގެ ވިސްނުމަކީ ޣައްޒާގެ އުތުރު އެމީހުންގެ ބާރުގެ ދަށުގައި ބޭއްވުމެވެ. ވަކި މުއްދަތެއް ނެތް ގޮތަށް ފަލަސްތީންގެ އެއްވެސް މީހަކަށް ނުވަދެވޭ ގޮތަށް އިން ވަކިކޮށް ސަރަހައްދު ކަނޑައެޅުމެވެ.