މިފްކޯ

މިފްކޯގެ ފްލީޓަށް އިތުރުވާ ބޯޓު މިހާރު އަންނަނީ ރާއްޖެއަށް ދަތުރުކުރަމުން

މިފްކޯގެ ފްލީޓަށް އިތުރުކުރެވޭ ތިން ބޯޓްގެ ތެރެއިން އެއް ބޯޓް ރާއްޖެ އައުމަށް ތައިލެންޑުން ދަތުރު ފަށައިފި އެވެ.

މިފްކޯ އިން ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ "ޖަޒީރާ 106" ނަމަކަށް ކިޔާ ބޯޓް ތައިލެންޑުން ރާއްޖެ އައުމަށް ދަތުރު ފެށީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އަދި ނޮވެމްބަރު 19 ވާ އާދީއްތަ ދުވަހު އެ ބޯޓު ރާއްޖެއަށް އަންނާނެ ކަމަށްވެ އެވެ.

މިފްކޯ އިން އެކުންފުނީގެ ފްލީޓަށް އިތުރު ކުރާ އަނެއް ދެ ބޯޓް -- ޖަޒީރާ 104 އަދި 105 މި އަހަރު ނިމުމުގެ ކުރިން ރާއްޖެ އަންނާނެ ކަމަށްވެސް އެކުންފުނިން ބުނެ އެވެ.

ޖަޒީރާ ސިރީޒްގެ މަސްކިރާ ބޯޓްތަކަކީ ދުވާލަކު 60 ޓަނު ބްރައިން ފްރީޒް ކުރެވޭ އަދި 200 ޓަނު މަސް ރައްކާ ކުރުމުގެ ގާބިލުކަން ލިބިފައިވާ ބޯޓްތަކެކެވެ.

މިފްކޯ އިން ބުނީ ފްލީޓަށް ތިން ބޯޓު އިތުރުކުރުމާ އެކު ދުވާލަކު އިތުރަށް 180 ޓަނުގެ މަސް ގަތުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށެވެ.

މަސްވެރިން ބާނާ މަސްކިރުމަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މިފްކޯއިން މިއަހަރު ހަތަރު ބޯޓެއް ގަނެފައިވެ އެވެ. މިގޮތުން މިއަހަރު މާޗް މަހު މިފްކޯއިން ރާއްޖެ ގެނައި ފުރަތަމަ ބޯޓު -- ޖަޒީރާ 103 މިހާރު ރާއްޖޭގެ ދެކުނުގައި މަސްކިރުމުގެ މަސައްކަތް ކުރަމުން އެބަދެ އެވެ. މިބޯޓަކީ ދުވާލަކު 120 މެޓްރިކްޓަނުގެ މަސްގަނެ ފިނިކުރުމާ އެކު ޖުމްލަ 420 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ބޯޓެކެވެ. އަދި މި ސީރީޒްގެ ހަމަ އެއް ކެޕޭސިޓީގެ ބޯޓެއް 2021 ވަނަ އަހަރުވެސް މިފްކޯގެ ފްލީޓަށް ވަނީ އިތުރުކޮށްފަ އެވެ.

މިއަހަރު ނިމުމުގެ ކުރިން މިފްކޯއިން ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ޖަޒީރާ ސީރީޒްގެ ތިން ބޯޓް މިފްކޯގެ އޮޕަރޭޝަނާ ގުޅުމާ އެކު ދެކުނާއި މެދުރާއްޖެތެޜޭގެ މަސްވެރިންނަން މަސްވެރިކަން ރަނގަޅު ދުވަސްވަރުގައި ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް މިފްކޯއިން ބުނެ އެވެ.