ހަބަރު

އިތުރު ފުރުސަތު ކޮމެޓީގައި ފަނޑިޔާރަކާއި ދިފާއީ ވަކީލަކު ތިބޭ ގޮތަށް ހަމަޖައްސައިފި

ފުރަތަމަ ފަހަރަށް ކުށްކުރާ ފަރާތްތަކަށް ދައުވާ ނުކޮށް ދޫކޮށްލާ އުސޫލުގެ ދަށުން އުފައްދާފައިވާ ކޮމެޓީގައި ފަނޑިޔާރަކާއި ދިފާއީ ވަކީލެއްގެ އިތުރުން ފުލުހުންގެ އޮފިސަރަކު ހުންނަ ގޮތަށް އެ އުސޫލު ބަދަލުކޮށްފި އެވެ.

އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ އެ އިސްލާހުގެ ދަށުން އިތުރު ފުރުސަތު ކޮމެޓީއަށް އައްޔަން ކުރާ ފަނޑިޔާރާއި ދިފާއީ ވަކީލުގެ އިތުރުން ފުލުހުންގެ އޮފިސަރު ކަނޑައަޅާނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންނެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެގޮތަށް ހަމަޖެއްސީ އެ މަސައްކަތް ހާމަކަމާ އެކު ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ކަމަށެވެ.

"މިގޮތަށް މި ހަމަޖެއްސީ މިކަމުގެ ހާމަކަން ބޮޑުކޮށް، އިތުބާރު ކުރެވޭ ގޮތަކަށް އަދި ކަމާބެހޭ އެހެން މުއައްސަސާތަކާ ގުޅިގެން އެ މަސައްކަތް ކުރުމަށް." އޮފިޝަލް ވިދާޅުވި އެވެ.

އިތުރު ފުރުސަތު ކޮމެޓީގައި މިހާރު ތިއްބަވަނީ މުޅިން ވެސް ޕީޖީ އޮފީހުގެ ވަކީލުންނެވެ. އެ ކޮމެޓީއަކީ އިތުރު ފުރުސަތަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ދިނުމާ މެދު ގޮތެއް ނިންމާ ކޮމެޓީ އެވެ.