މެންބަރު ހުސައިން މުހައްމަދު ލަތީފް

ނޫސްވެރިކަމަށް ރަން ޒަމާނެއް ގެނެސްދޭނަން: ނައިބް ރައީސް

ދިވެހި ނޫސްވެރިކަމަށް، ކުރިއެރުމާއި ކާމިޔާބީގެ ރަން ޒަމާނެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

މޯލްޑިވިސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބާއްވަމުން ގެންދާ ނޫސްވެރިންގެ އިނާމު ދިނުމުގެ ހަފްލާ މިރޭ ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ނައިބް ރައީސް ވިދާޅުވީ ރައީސް މުއިއްޒުެ ރިޔާސީ އެޖެންޑާގައި މީޑިއާއާއި ނޫސްވެރިކަން ކުރިއެރުވުމަށް ހާއްސަ ސަމާލުކަމެއް ދެއްވާފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީގައި ކުރިއަށްދިޔަ މި ހަފްލާގައި ނައިބް ރައީސް ވިދާޅުވީ މީޑިއާއާއި ނޫސްވެރިކަން ކުރިއަރުވައި، ރަނގަޅު ނަތީޖާ ނެރުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށެވެ.

އެކަންކަމުގެ ތަފްސީލް ހިއްސާކުރައްވަމުން ނައިބް ރައީސް ވިދާޅުވީ ދައުލަތުގެ ބަޖެޓުން ނޫސް މީޑިއާތަކަށް ފައިސާ ދިނުމާއި، އަމިއްލަ ފައިމައްޗަށް ތެދުވެ މިނިވަންކަމާއެކު މަސައްކަތްކުރެވޭނެ މަގު ނޫސް މީޑިއާތަކަށް ފަހިކޮށްދިނުމާއި، އޮފީސް ހަރަދުކުޑަކޮށް މީޑިއާ ހިންގޭނެ މީޑިއާ ވިލެޖެއް ގާއިމުކޮށްދިނުން ހިމެނޭ ކަމަށެވެ. އަދި އެކި ދާއިރާތަކުން ނޫސްވެރިން ތަމްރީނުކޮށް ތައުލީމުދީ، ގާބިލް ނޫސްވެރީން ބިނާކުރުމަށް ދައުލަތުން ހޭދަކުރުމާއި، ސަރުކާރުން ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގައި ނޫސްތަކުގެ މެދުގައި ތަފާތު ނުކުރުމާއެކު، ނޫސްވެރީންނަށް ޖަވާބުދާރީވެ ޒިންމާދާރުކަމާއެކު ކަންކަން ހާމަކުރުން ހިމެނޭ ކަމުގައިވެސް ވިދާޅުވި އެވެ.

މިހަފްލާގައި ނައިބް ރައީސް ވަނީ ކުރިއާ އަޅައި ބަލާއިރު މީޑިއާތަކާއި ނޫސްވެރިންގެ ޒިންމާ މިޒަމާނުގައި ބޮޑުވެފައިވާ މިންވަރުވެސް ފާހަގަކުރައްވާފަ އެވެ. އެގޮތުން ސޯޝަލް މީޑިއާގެ ސަބަބުން ކޮންމެ މީހަކަށްވެސް މިހާރު ފަސޭހަކަމާއެކު ހަބަރެއް ފަތުރާލެވިދާނެކަން ފާހަގަކުރައްވައި ރައްޔިތުންނަށް ތެދު ހަބަރު ފޯރުކޮށްދީ، ކޮންމެ ކަމެއްގައިވެސް ހުރިހާ ފަރާތެއް ހާމަކޮށް، ދޮގާއި ފިތުނަ ފެތުރުނަ ނުދީ، ގައުމުގެ އަގުތައް ހިފެހެއްޓުން ފަދަ ހުރިހާ ކަމަކީ ނޫސްވެރީންގެ ކޮނޑުގައި އެޅިފައި އޮތް ވަރަށް މުހިއްމު ވާޖިބެއް ކަމުގައި ހަނދާންކޮށްދެއްވި އެވެ.

"ނޫސްވެރިންގެ ގައުމީ ޒިންމާ އެހެން އެއް ޒަމާނަކަށްވުރެ މިއަދު ބޮޑު،" ނައިބް ރައީސް ވިދާޅުވި އެވެ.

މިހަފްލާގައި ނައިބް ރައީސް ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ އާ ލޯގޯ އިފްތިތާހުކޮށްދެއްވާފަ އެވެ. އަދި މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔަކަށް ހޮވުނު ދައުރު ނޫހުގެ އަހްމަދު ނާއިފަށް އިނާމުވެސް ހަވާލުކޮށްދެއްވި އެވެ.