ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް

ގައުމަށް ދިމާވެފައި މިވަނީ ދޯހަޅި ސިޔާސަތުގެ ނަތީޖާ: ނައިބް ރައީސް

ގައުމަށް މިއަދު ދިމާވެފައިވާ ގޮންޖެހުމަކީ ރައްޔިތުން ނޫނެކޭ ބުނި ސަރުކާރެއްގެ ދޯހަޅި ސިޔާސަތުގެ ނަތީޖާ ކަމަށް ނައިބް ރައީސް ޑރ. ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް މިހެން ވިދާޅުވީ ޕީއެންސީ އިން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅެއްގެ ވީޑިއޯ ހިމަނުއްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޕީއެންސީގެ ރޭގެ ޖަލްސާގައި ނައިބް ރައީސް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ނަމަވެސް ޖަލްސާގައި ވާހަކަދައްކަވާފައެއް ނުވެ އެވެ.

ނައިބް ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ސާބިތުކަމާއެކު އެ ގޮންޖެހުންތަކާއި ކުރިމަތިލައްވައި ރައްޔިތުން އެދޭ ގޮތަށް ދިވެހި ގައުމު ބިނާކުރުމަށް މަސައްކަތް ކުރައްވަމުން ކަމަށެވެ.

ނައިބް ރައީސްގެ ޕޯސްޓްގައި އެމްޑީޕީގެ ސަރުކާރު ކަމަށް ވިދާޅުވެފައި ނެތް ނަމަވެސް އެމަނިކުފާނު އެ އިޝާރާތް ކުރައްވަނީ އެ ސަރުކާރަށް ކަމަށް ބެލެވެ އެވެ.

ނައިބް ރައީސް ހުސައިން އެމްޑީޕީގެ ސަރުކާރަށް ފާޑު ވިދާޅުވެފައި މިވަނީ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އެމްޑީޕީގެ އިސް ބޭފުޅުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދާ ވަގުތެއްގައެވެ.