ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް

ސަރުކާރާ ހަވާލުވިއިރު ދައުލަތް އޮތީ ލޫޓުވާލާފައި: ނައިބުރައީސް

ސަރުކާރާ ހަވާލުވިއިރު ދައުލަތް އޮތީ ލޫޓުވާލާފައި ކަމަށާއި އިޖުތިމާއީ ފޭރާން އޮތީ ވީދިފައި ކަމަށް ނައިބުރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ނައިބުރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވީ ދަރަނީގެ މައްސަލައަކީ މި ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.

ނައިބުރައީސް ވިދާޅުވި ގޮތުގައި ގައުމުގެ ހާލަތު މި ދަރަޖައަށް ދިޔައީ ސިޔާސީ ގޮތުން ބަޔަކު ކަންކަން ކުރި ގޮތުންނެވެ.

"ދައުލަތް އޮތީ އެއްކޮށް ލޫޓުވާލާފަ. އިޖުތިމާއީ ފޭރާން އޮތީ އެއްކޮށް ވީދިފަ. ބަޔަކު ސިޔާސީ ގޮތުން މަސައްކަތް ކުރަން ފެއްޓި ގޮތުންވާ ކަންކަން މިހިރީ،" ނައިބުރައީސް ވިދާޅުވި އެވެ.

ދަރަނި ނެގުމުގައި ކުރީ ސަރުކާރުން އެއްވެސް ތަރުތީބެއް ނެތް ކަމަށާއި ދަރަނި ދެއްކުމުގައިވެސް މިންގަނޑުތަކެއް ނެތް ކަމަށް ނައިބުރައީސް ވިދާޅުވި އެވެ.

ނައިބުރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވީ ދަރަނީގެ މައްސަލައަށް މި ސަރުކާރުން ހައްލު ހޯދިފައިވާ ކަމަށާއި ދަރަނި ދައްކަންހުރި ގައުމުތަކާ ގުޅުން ރަނގަޅުވެ ދަރަނި ދެއްކުމުގައި ލުއިތަކެއް ލިބެމުންދާ ކަމަށެވެ.

ރާއްޖޭގައި ނުބައްދަލު ސަބްސިޑީ ދެމުންދާކަން ފާހަގަކޮށް މާލީ އިދާރާތަކުންދޭ ލަފާތައް އަޑުއަހައި އެ ކަންކަން އިސްލާހުކުރުމަށް މާލީ އިދާރާތަކުގެ މަޝްވަރާ ސަރުކާރުން ހޯދާ ކަމަށްވެސް ނައިބުރައީސް ވިދާޅުވި އެވެ.

މާލީ އިދާރާތަކުގެ ލަފާއާއެކު ކަންކަން އިސްލާހުކުރުމުގެ ފުރުސަތު ކޮންމެ ސަރުކާރަކަށްވެސް ލިބޭކަން ނައިބުރައީސް ފާހަގަކުރެއްވި އެވެ.

"މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް އިސްކަން ދެއްވާ އެފަދަ ފަންނީ ފަރާތްތަކުގެ ހިޔާލުތަކާ އެއްކޮށް މަޝްވަރާއާއެއްކޮށް ގައުމު ކުރިއަށް އޮތްތާ ބައްޓަންކުރަން،" ނައިބުރައީސް ވިދާޅުވި އެވެ.

ނައިބުރައީސް ވިދާޅުވީ ފުދުންތެރިކަން އިތުރުކޮށް ހަރުދަނާ އުސޫލުތަކެއް ފެށުމުގެ ބިންގާ ސަރުކާރުން އަޅަމުންދާ ކަމަށެވެ.