މެންބަރު ހުސައިން މުހައްމަދު ލަތީފް

ހިލާލީ ގެއިން ނިކުމެވަޑައިގެންނެވި ވާހަކަ ދޮގުކުރައްވައިފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ހިލާލީގެއިން ނިކުމެވަޑައިގެންނެވި ކަމަށް ނޫހަކުން ޝާއިއުކުރި ޚަބަރު އެމަނިކުފާނު ދޮގު ކުރައްވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އުނދަގޫފުޅު ބޮޑުވެގެން ނައިބު ރައީސް ހިލާލީގެއިން ނިކުމެވަޑައިގެންފި ކަމަށް އެ ނޫހުން ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި ހިލާލީގެއިން ނައިބު ރައީސް ނިކުމެވަޑައިގެން ހުޅުމާލޭގައި ހުންނަ އެމަނިކުފާނުގެ އެޕާޓްމަންޓަކަށް ބަދަލުވެފައިވާ ކަމަށްވެސް އެ ނޫހުން ރިޕޯޓްކޮށްފައިވެ އެވެ.

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކައެއް ކަމަށެވެ.

"މުޅި މުޖުތަމައުގެ މަސްލަހަތު ހިމެނޭ މިފަދަ ވާހަކަތައް ފެތުރުމުގެ ކުރިން، ކަމުގެ ހަގީގަތް އޮޅުންފިލުވުން މުހިންމު. މިފަދަ ދޮގު ވާހަކަތައް ފެތުރުމަކީ މުޖުތަމަޢުގައި ފިތުނަފަސާދަ އިތުރުވެ މަސްލަހަތު ގެއްލޭނެ ކަމެއް. މިފަދަ ދޮގު ވާހަކަތައް ނުފެތުރުމަށް ގޮވާލަން،" ނައިބު ރައީސް ވިދާޅުވި އެވެ.

ހިލާލީގެ މަރާމާތު ކުރާތީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު އަދި ދުވަހަކުވެސް އެގޭގައި ނޫޅުއްވަ އެވެ.