ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި ބާޣީ އަބްދުﷲ ލުތުފީ އަށް އިއްވި ޖަލު ހުކުމް ތަންފީޒްކޮށް ނިމުމުން މިނިވަން ވެއްޖެ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ލުތުފީ އިސްވެ ހުރެ ލަންކާގެ ޕްލޮޓް ޖަމާއަތާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާތަކުގައި 19 ދިވެއްސަކު ޝަހީދުކޮށްލި އެވެ. މީގެތެރޭގައި 11 ދިވެއްސަކުވެސް ހިމެނެ އެވެ.
މިހަމަލާތައް ދިން މީހުންގެ ތެރޭގައި ލުތުފީއާއި ލަންކާގެ ޓެރަރިސްޓުންގެ އިތުރުން ބައެއް އެހެން ދިވެހިންވެސް ބައިވެރިވެފައިވެ އެވެ.
މިމައްސަލާގައި ލުތުފީގެ މައްޗަށް ކުށް ސާބިތުވެ އޭނާ މަރަންވެސް އޭރު ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް ފަހުން އެ ހުކުމް ރައީސް މައުމޫން ލުއި ކޮށްދެއްވައި އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލު ކުރި އެވެ.
އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ބާޣީ ލުތުފީ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖެނައަރީ 2010 ގައެވެ. އޭގެ ފަހުން ބާޣީ ލުތުފީ ފިލައިގެން އުޅެމުން ގެންދިޔައީ ސްރީލަންކާގަ އެވެ. ނަމަވެސް އޭގެ ނުވަ އަހަރު ފަހުން އޭޕްރީލް 20، 2019 ވަނަ ދުވަހު ލަންކާގައި ބޮން ގޮއްވި ހާދިސާއާއި ގުޅިގެން ލުތުފީ ވަނީ އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އަމިއްލައަށް ވަދެ އެމްބަސީގެ ހިމާޔަތް ހޯދާފަ އެވެ.
ލުތުފީއާއެކު އެ ހަމަލާގައި ބައިވެރިވި ސަގަރު އަހްމަދު ނާސިރުގެ މައްޗަށް ވެސް 25 އަހަރުގެ ހުކުމެއް ކުރި އެވެ. އެ ހުކުމް ތަންފީޒުކޮށް ނިމުމުން އޭނާވެސް މިނިވަންވެފައި ހުންނަތާ އަހަރުތަކެއް ވެއްޖެ އެވެ.