ހަބަރު

ލުތުފީ ފިލި މައްސަލަ ތަހުގީގު ކުރަނީ

ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ފިލި މައްސަލާގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުނެފި އެވެ.

ނުވަ އަހަރު ފިލައިގެން ސްރީލަންކާގައި އުޅުނު ލުތުފީ މިރޭ ފުލުހުންގެ ބެލުމުގެ ދަށުން ރާއްޖެ ގެނެސް، ކަރެކްޝަނަލް ސާވިސްއާ ވަނީ ހަވާލުކޮށްފަ އެވެ. އޭނާ މިރޭ ޖަލަށް ގެންދާނެ އެވެ.

ފުލުހުންގެ ބެލުމުގެ ދަށުން ލުތުފީ މާލެ ގެނެސް، ޝަހީދު ހުސެއިން އާދަމް ބިލްޑިންގައި ފުލުހުން ވަނީ އޭނާ ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރުމުގެ މަސައްކަތްކޮށްފަ އެވެ. މިހާރު ލުތުފީ ގެންގޮސްފައިވަނީ އަތޮޅުވެއްސަށެވެ.

ހަޖާރާގޭ ލުތުފީއާ ގުޅޭ ގޮތުން ފުލުހުން މިރޭ ބުނީ ލުތުފީ ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައިވާ ކަމަށާއި ނަމަވެސް އޭނާއަކީ ބޭސްފަރުވާއަށް ފޮނުވުމުން ފިލައިގެން އުޅުނު މީހެއް ކަމުން އެ މައްސަލާގެ ތަހުގީގު ފުލުހުން ކުރަމުންދާ ކަމަށެވެ.

ލުތުފީ ފިލާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖެނުއަރީ 16، 2010 ގައި ބޭސްފަރުވާއަށް ތިން މަހަށް އިންޑިޔާއަށް ފޮނުވާލުމުންނެވެ. އޭގެ ފަހުން އޭނާ އެނބުރި ރާއްޖެ އައިސްފައި ނުވާ އިރު ލުތުފީ ދިރިއުޅެމުން އައި ސްރީލަންކާގަ އެވެ. އަދި އޭނާ ލަންކާގައި ދިރިއުޅެމުން އައި "ޒާން"ގެ ނަމުގައި އެ ގައުމުގެ ރައްޔިތަކަށް ވެގެން ފިލައިގެންނެވެ.

އެހެން ނަމަވެސް ލަންކާގައި މި އަހަރު ހިނގި ޓެރަރިސްޓް ހަމަލާތަކަށް ފަހު ފުލުހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަންތަކާ ހެދި، މެއި އެއްވަނަ ދުވަހު ލުތުފީ ވަނީ އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އަމިއްލައަށް ހާޒިރުވެފަ އެވެ. ނަމަވެސް ލުތުފީ އެމްބަސީގައި ހުރި ކަމެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. ސަރުކާރުން އެ ވާހަކަ ދައްކަން ފެށީ އޭގެ ދެ މަސް ފަހުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެކަން ފަޅާ އަރުވައިލުމުންނެވެ. އެކަމާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެގެން ދިޔަ އެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ދިވެހިންގެ ބަޔަކު އިސްވެތިބެ ލަންކާގެ ޕްލޮޓް ޖަމާއަތާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު މަރައި ޝަހީދުކޮށްލި ހަމަލާތައް ދިން އިރު ރާއްޖެ އެރި އެ ޖަމާއަތުގެ ކުލީ ސިފައިންނާއެކު އިސްވެ އައީ ލުތުފީ އެވެ. އެ ހާދިސާގައި ޝަހީދުވީ އާންމުގެ ތެރެއިން 11 މީހަކާއި ސިފައިންގެ އަށް މީހެކެވެ.

އެ މައްސަލާގައި ލުތުފީގެ މައްޗަށް ކުށް ސާބިތުވެ އޭނާ މަރަން ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް ފަހުން އެ ހުކުމް ރައީސް މައުމޫން ލުއިކޮށްދެއްވައި އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލު ކުރި އެވެ.

ލުތުފީ މިހާތަނަށް ޖަލު ހުކުމް ތަންފީޒުކޮށްފައި ވަނީ 21 އަހަރެވެ. އިމްރާން މަޖިލީހަށް ހާޒިރުވެ ވިދާޅުވެފައި ވަނީ ލުތުފީގެ ހުކުމުގައި ބާކީ އޮންނާނީ ހަތަރު އަހަރާ ދުވަސްކޮޅެއް ކަމަށެވެ. ނަމަވެސް ފުލުހުން ބުނެފައި ވަނީ އޭނާ ފިލައިގެން ދިޔަ މައްސަލަ ވަކިން ބަލާނެ ކަމަށެވެ.