ތުރުކީ ވިލާތުގައި ރާއްޖޭގެ އެމްބަސީ ހުޅުވުމަށްޓަކައި ކަމާ ގުޅޭ ފަރާތްތަކާ އެކު މަޝްވަރާތައް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް މުއިއްޒު މިކަން އިއުލާންކުރެއްވީ އެމަނިކުފާނު މިހާރު ތުރުކީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ އެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ތުރުކީގެ ނޭޝަންސް ލައިބްރަރީގައި ކުރިއަށް ދިޔަ މިބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ތުރުކީގައި ދިރިއުޅެމުންދާ ދިވެހިން ބޭނުންވާ ކަންކަމާއި އެފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ބައްލަވައި އެކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.
އެގޮތުން ތުރުކީވިލާތުގައި ދިރިއުޅެމުންދާ ދިވެހިން ވަނީ އެފަރާތްތަކަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާ ކަންކަމާއި، އެ ގައުމުގައި ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކުރައްވާފަ އެވެ.
ތުރުކީގައި ދިރިއުޅޭ ދިވެހިން ހިއްސާކުރި މައްސަލަތައް
- ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް
- ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓްތަކުން ފައިސާ ނެގޭ އަދަދު މަދުކަން
- ތަމްރީން ހަދަމުންދާ ދަރިވަރުންނަށް ޗުއްޓީއަށް ރާއްޖެއަށް ދިއުމުގައި ހުރި ދަތިތައް
- ތުރުކީގައި ތަމްރީން ހެދުމަށް އިތުރު ފުރުސަތުތަކާއި އިތުރު ސްކޮލާޝިޕްތައް ހޯދައިދިނުން
ތުރުކީގައި ދިރިއުޅޭ ދިވެހިންގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު ރައީސް މުއިއްޒު ވިދާޅުވީ ތުރުކީގައި ދިރިއުޅޭ ދިވެހިންނަށް ދެވެން އޮތް ހުރިހާ ލުއި ފަސޭހައެއް ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. ދިވެހިރާއްޖޭގެ އެމްބަސީއެއް ތުރުކީވިލާތުގައި ހުޅުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މަޝްވަރާތައް ފައްޓަވާނެ ކަމަށާއި ބޭންކް އޮފް މޯލްޑިވްސް އިން މިހާރު ކަނޑައަޅުއްވާފައިވާ މިންގަނޑަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ތުރުކީގެ އިސް ބައެއް ބޭފުޅުންނާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކާ ގުޅޭ ބައެއް މައުލޫމާތު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ އަންނަ އަހަރުން ފެށިގެން ރާއްޖެއަށް ހާއްސަކޮށް 30 ސްކޮލާޝިޕް ފުރުސަތު ދެއްވާނެކަން ތުރުކީގެ އިސް ބޭފުޅުން ޔަގީންކޮށްދެއްވާފައިވާ ކަމަށެވެ. އަދި މި ފުރުސަތުތައް މިއަންނަ ޖެނުއަރީ މަހު ހުޅުވާލާނެ ކަމުގައި ތުރުކީގެ އިސް ބޭފުޅުން ވިދާޅުވި ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މިސަރުކާރުން ރާއްޖޭން ބޭރުގައި ކިޔަވާ ހުރިހާ ކުދިންނަށްވެސް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދީ ކަންކަން ފަސޭހަކޮށްދިނުމަށް މަސައްކަތް ކުރައްވާނެ އެވެ.
ރައީސް އިތުރަށް ވިދާޅުވީ ތުރުކީ އަކީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށާއި، ރާއްޖެއަށް ފައިދާ ހުރި އެކި ދާއިރާތަކުން އެހީތެރިވެދޭ ގައުމެއް ކަމަށެވެ. އަދި މުސްތަގުބަލުގައި ތުރުކީއާ އެކު މިހާރަށްވުރެ ގާތްގުޅުމެއް އުފެއްދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމުގައިވެސް ވިދާޅުވި އެވެ.