ޑރ. މުހައްމަދު މުއިއްޒު

ރައީސްގެ ދަތުރުފުޅުތަކުގެ މައުލޫމާތު 15 ދުވަސް ތެރޭގައި ހާމަކުރަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ހަރަދުތަކުގެ މައުލޫމާތު ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރައްވާ ގޮތަށް ރައީސް ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު މިއަދު މި ނިންމެވި ގޮތަށް އެ ހަރަދުތަކުގެ މައުލޫމާތު ކަމާ ގުޅޭ އިދާރާތަކުން ހާމަކުރާނެ ކަމަށެވެ.

ރައީސްގެ ދަތުރުފުޅުތަކުގެ މައުލޫމާތު ހާމަކުރެއްވުމަށް އެމަނިކުފާނު ނިންމަވާފައި މިވަނީ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް ރާއްޖެއިން ބޭރަށް ދެ ދަތުރުފުޅެއް ކުރައްވާފައި ވަނިކޮށެވެ.

ރައީސް އެންމެ ފުރަތަމަ ވަޑައިގެންނެވީ ތުރުކީ އަށެވެ. އެ ގައުމުން ދެން ވަޑައިގެންނެވީ ޔޫއޭއީގެ ދުބާއީގައި މިހާރު ކުރިއަށްދާ ކޮޕް 28 ސަމިޓްގައި ބައިވެރިވެވަވަޑައިގަތުމަށް އެ ގައުމަށެވެ. ރައީސް މިވަގުތުވެސް ހުންނެވީ ޔޫއޭއީ ގައެވެ.

ރައީސްގެ ދަތުރުފުޅުތަކުގެ މައުލޫމާތު ހާމަކުރެއްވުމަށް ނިންމަވާފައި މިވަނީ ނިމިދިޔަ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ބައެއް ދަތުރުފުޅުތަކުގެ މައުލޫމާތު ހާމަކުރުމަށް ދެކޮޅު ހަދާފައި ވަނިކޮށެވެ.