ދިވެހި އިންޑިއާގެ ގުޅުން

މޯދީއާއި މުއިއްޒު ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުކުރެއްވުން ކުރިއަށް ދިޔައީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީ މިއަދު ރަސްމީކޮށް ފެށުނު ކޮޕް 28 ސަމިޓްގެ ހަވާސާ ގައެވެ.

މިއީ މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވި މޯދީއާ ބައްދަލުވި ފުރަތަމަ ފަހަރެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމަކީ ބިނާކުރަނިވި ބައްދަލުވުމެއް ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމުގައިވެސް ވިދާޅުވި އެވެ.

"ދެ ގައުމުގެ ރައްޔިތުންނަށް މަންފާވާ ގޮތަށް ގުޅުންތައް އިތުުރަށް ވަރުގަދަކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތް ކުރެވޭނެ ކަމަށް އުއްމީދުކުރަން،" މޯދީ ވިދާޅުވެފައިވެ އެެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލާނެ ކަމަށް ވައުދުވެވަޑައިގެންނެވެ. ވެރިކަމަށް ވަޑައިގަތުމަށްފަހު މުއިއްޒު ވަނީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް އިންޑިއާ ސަަރުކާރަށް ރަސްމީކޮށް އަންގަވާފަ އެވެ. ނަމަވެސް އެކަން މާއެދެވޭ ގޮތަކަށް ކުރިއަކަށް ނުދެ އެވެ.

މިސަރުކާރުން ހާމަކުރި މައުލޫމާތަށް ބަލާއިރު ރާއްޖޭގައި ތިބީ އިންޑިއާގެ 77 ސިފައިންނެވެ.

މުއިއްޒު ވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އިހްތިރާމު ކުރާ ކޮންމެ ގައުމަކާ އެކުވެސް ގާތްގުޅުމެއް ބާއްވަވާނެ ކަމަށް ވިދާޅުވެފަ އެވެ.