ޔަހޫދީ ޒަޔޮނިސްޓުން އޮކްޓޯބަރު ހަތެއްގައި ފަލަސްތީންގެ ޣައްޒާއަށް ދޭން ފެށި ހަމަލާތައް އެއްވާނެއްގައި ދެމެހެއްޓުމަށް އެންމެ ބޮޑަށް ތާއީދުކުރީ އެމެރިކާއިންނެވެ.
ޣައްޒާގެ ހޮސްޕިޓަލުތަކާއި ރެފިއުޖީ ކޭމްޕްތައް އަދި މިސްކިތްތައް ސުންނާފަތި ކުރުމަށް ގުނގުރެޓު ތޮރުފާ ބޮމާއި އެކިބާވަތުގެ އުންޑަ އާއި ވަޒަން ވެސް ޔަހޫދީންނަށް ފޯރުކޮށްދިނީ އެމެރިކާއިންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން ގުނގުރެޓު ތޮރުފާ ޒާތުގެ 100 ބޮމުގެ އިތުރުން އެހެނިހެން ބާވަތްތަކުގެ 15،000 ބޮން އަދި 57،000 ވަޒަނާއި އުންޑަ އެމެރިކާއިން ފޯރުކޮށްދިނެވެ.
ގުނގުރެޓު ތޮރުފައި ސުންނާފަތިކުރާ ބާވަތްތަކުގެ ބޮންތައް ބޭނުންކުރަން އެމެރިކާއިން އިރުޝާދުދިނީ ހަމާސްއިން ބިމުއަޑީގައި ހަދާފައި ހުރި އަސްކަރީ މަރުކަޒުތައް ސުންނާފަތިކުރުމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ނަމަވެސް، ޔަހޫދީ އަސްކަރިއްޔާއިން މި ޒާތުގެ ބޮންތައް ބޭނުންކޮށްފައި ވަނީ ހޮސްޕިޓަލުތަަކާއި މިސްކިތްތައްް ސުންނާފަތި ކުރުމަށެވެ.
އާންމު ރައްޔިތުންނަށް ގެއްލުން ކުޑަވާނެ ގޮތް ބަލައިގެން ބޭނުންކުރުމަށް ދިން އިރުޝާދާ އެކު އެމެރިކާއިން ވަނީ މީގެ ކުރިން ދުވަހަކު ވެސް ޣައްޒާއަށް އަޅާފައި ނުވާ ވައްތަރުތަކުގެ ބޮން ޔަހޫދީ ސަރުކާރަށް ދީފަ އެވެ.
އަސްކަރީ ތަޖުރިބާކާރުން ދެކޭ ގޮތުގައި ގުނގުރެޓު ތޮރުފާ ބޮންތައް ބޭނުންކުރުމަށް ހާޖަތެއް އޮތުމުގެ މާނައަކީ ޣައްޒާ ކަހަލަ ބިމަކަށް އެ ފަދަ ބޮން އެޅުމެއް ނޫނެވެ. ޣައްޒާ އަކީ އެއްގޮތަކަށް ވެސް އެ ބާވަތުގެ ބޮން އަޅައިގެން ވާނެ ތަނެއް ނޫން ކަމަށް ސެކިޔުރިޓީ މާހިރުން ބުނެ އެވެ.
ޣައްޒާ އަކީ އާންމުން ވަރަށް ގިނަ އަދަދަކަށް ދިރިއުޅޭ ތަނަކަށް ވުމުން -- އާންމުންގެ މީހަކަށް އަނިޔާ ނުވާ ގޮތަށް އެފަދަ ބޮން ބޭނުން ނުކުރެވޭނެ ކަމަށް ވެސް އަސްކަރީ ތަޖުރިބާކާރުން ބުނެ އެވެ.
ގުނގުރެޓު ސުންނާފަތިކުރާ ބޮމަކީ ފަރުބަދަ ތަކުގެ ތެރޭގައި ފިލައިގެން އުޅޭ ހަނގުރާމަވެރި ޖަމާއަތްތަކަށް ހަމަލާދިނުމަށް ބޭނުންކުރާ ހަތިޔާރެއް ކަމަށް ވެސް މާހިރުން ބުނެ އެވެ.
އޮކްޓޯބަރު ހަތެއްގައި ޣައްޒާއަށް ދޭން ފެށި ހަމަލާތައް 50 ދުވަހަށް ފަހު މެދުކަނޑާލާއި ޣައްޒާއަށް އިންސާނީ އެހިތެރިކަން ވެއްދުމަށް ފުރުސަތު ހުޅުވާލި އެވެ.
ނަމަވެސް، ހަމަލާތައް މެދުކަނޑާލުމަށް ވެފައި އޮތް އެއްބަސްވުމަށް ހަމާސްއިން އިހުތިރާމްނުކުރި ކަމަށް ބުނެ ޒަޔޮނިސްޓުން ވަނީ ހަމަލާތައް އަލުން ފަށާފާ އެވެ.
ޔަހޫދީންގެ ހަމަލާތަކުގައި 16،000 އަށް ވުރެ ގިނަ މީހުން ފަލަސްތީނުން ވަނީ މަރުވެފަ އެވެ. ޣައްޒާ މިހާރު އޮތީ މިއިން ޒަމާނަކު ވެސް އާރާސްތު ނުކުރެވޭ ވަރަށް ސުންނާފަތިކޮށްފަ އެވެ.