ހަމާސްގެ ހަނގުރާމަވެރިން މިދިޔަ އަހަރު އޮކްޓޯބަރު ހަތެއްގައި އިޒުރޭލުން ރަހީނުކުރި އަސީރުންގެ ތެރެއިން މަރުވެފައިވާ ހަތަރު މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް އިޒުރޭލުން ބުނެފި އެވެ.
އިޒުރޭލުގެ އަސްކަރިއްޔާއިން ބުނާ ގޮތުން އެ މީހުން ފެނިފައި ވަނީ ރަފާހްގައި ބިމުއަޑީ ބިންގަރާހަކުން ނެވެ. އަސީރުން މަރާފައިވާ ކަމަށް އިޒުރޭލުން ބުނަނީ ހަށިތައް ފެނުމުގެ ކުޑައިރުކޮޅެއް ކުރިން ނެވެ.
މަރުވެރިފައިވާ މީހުންގެ ތެރޭގައި އިޒުރޭލާއި ރަޝިއާގެ ރައްޔިތުކަން އޮންނަ މީހަކުވެސް ހިމެނެ އެވެ. އަދި އިނގިރޭސި، އެމެރިކާ ރައްޔިތަކު ހިމެނޭ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ހުރިހާ މީހުންނަކީ ވެސް އޮކްޓޯބަރު ހަތެއްގައި ހަމާސްގެ ހަނުރާމަވެރިން އިޒުރޭލަށް ވަދެގަނެ -- ދަމާ ކުއްތާފައި ޣައްޒާއަށް ގެންދިޔަ މީހުންނެވެ.
ހަމާސްގެ އަތްދަށުގައި ތިބި އަސީރުންގެ ބަޔަކު މަރާފައިވާ ކަމަށް ޚަބަރުތަކުން އިވުމާ އެކު މުޅި އިޒުރޭލުގައި މިހާރު އޮތީ ހުޅުޖަހާފަ އެވެ. އަސީރުންގެ އާއިލާތަކުން މަގުތަކަށް ނުކުމެ ސަރުކާރު އިސްތިއުފާ ދިނުމަށް މިހާރު ދަނީ ގޮވަަމުން ނެވެ.
ޚަބަރުތައް ބުނާ ގޮތުން މާދަމާ އަކީ އިޒުރޭލުގައި ބޮޑު ދުވަހެކެވެ. ކުޅަދާނަކަން ލިބިފައިވާ ކޮންމެ މީހަކު އިޒުރޭލުގެ ވެރިރަށް -- ތެލްއަވީވުގެ މަގުތަކަށް ނުކުތުމަށް އަސީރުންގެ އާއިލާތަކުން ދަނީ ގޮވަމުންނެވެ.
މާދަމާ އަކީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވެރިކަމަށް ގޮތެއް ނިންމަން ޖެހޭ ދުވަހެއް ކަަމަށް އާއިލާތަކުން ބުނެ އެވެ.
ބެންޖަމިން ނަތަންޔާހޫއާ އިދިކޮޅު ސިޔާސީ ލީޑަރުން ވެސް މާދަމާގެ މުޒާހަރާތަކުގައި ބައިވެރިވާނެ ކަމަށް ވަނީ ބުނެފަ އެވެ.
އިޒުރޭލަށް މި ހާލަތު ޖެހިފައި ވަނީ ނަތަންޔާހޫގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ބުނެ އެވެ.
ހަމާސްއާ އެކު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކރުމަށް ނަތަންޔާހޫއަށް ރަނުގެ ފުރުސަތުތަކެއް ލިބުނު ކަމަށް އާއިލާތަކުން ބުނެ އެވެ.
ނަމަވެސް، ނަތަންޔާހޫގެ ބޮޑާކަމުން އެ ފުރުސަތު ދޫކޮށްލުމުން ހުރިހާ ހިތާމައެއް އުފުލަން ޖެހިފައި ވަނީ އަސީރުންގެ އާއިލާތަކަށް ކަމަށް ވެސް ދަނީ ބުނަމުންނެވެ.