ދުނިޔެ

އިޒުރޭލަކީ އިސްތިއުމާރެއް، ފަލަސްތީންގެ ބިންތަކުން ފައިބަންޖެހޭ: އައިސީޖޭ

ފަލަސްތީންގެ ބިންތައް އިސްތިއުމާރުކުރުމަށް އިޒުރޭލަށް ހިތްވަރުދިން ބަޔަކަށް ކަމުނުދާނެ ޖުމްލަތަކެއް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިއްވައިފި އެވެ.

އައިސީޖޭއިން ނެރުނު ބަޔާނުގައި ގޮވާލަނީ އިޒުރޭލުން އިސްތިއުމާރުކޮށްފައި ހުރި ފަލަސްތީންގެ ބިންތައް ދޫކޮށްލައި ޒަޔަނިސްޓުން އެ ބިންތަކުން ފައިބައިގެން ދިއުމަށެވެ.

ފަލަސްތީންގެ ބިންތަކުގައި ޒަޔަނިސްޓުންނަށް އިތުރު އާބާދީތައް ހަދައިދިނުމަށް އިޒުރޭލުގެ ސަރުކާރުތަކުން ކުރަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަދި އިޒުރޭލުގެ ވެރިންނަށް އަދަބެއް ކަނޑައެޅިދާނެ ހަރަކާތެއް ކަމަށްވެސް ބަޔާނުގައި ބުނެ އެވެ.

އައިސީޖޭއިން މިފަދަ އަމުރެއް ނެރުނު ނަމަވެސް ތަންފީޒުކުރުމުގެ އެއްވެސް ބާރެއް އެ ކޯޓަކަށް ނޯވެ އެވެ. މިހެންކަމުން މި އަމުރާ މެދު ބެލެވެނީ އިސްތިޝާރީ ލަފައެއްގެ ގޮތުގަ އެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން މިފަދަ ކިތަންމެ އަމުރެއް ނެރުނެއް ކަމަކު އިޒުރޭލަކަށް އަޑެއް ނުއިވޭނެ އެވެ. މައިގަނޑު ސަބަބަކީ އިޒުރޭލުގެ ދިފާއުގައި އެމެރިކާ އާއި އިނގިރޭސިވިލާތް އޮތުމެވެ.

ފަލަސްތީންގެ ބިންތައް ފޭރިގަނެ އާބާދީތައް އިތުރުކުރުމަށް އިޒުރޭލަށް ލިބޭ ހިތްވަރަކީ ވެސް އެމެރިކާއިން ޔަހޫދީންނަށް ދޭ އަހަންމިއްޔަތު ކަމެވެ. ޔަހޫދީން ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ އެެމެރިކާގައި ކޮންމެ ރައީސަކު ހުންނެވި ނަމަވެސް ވާޖިބެކެވެ.

އައިސީޖޭގެ މި އަމުރާ ގުޅިގެން އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އޭނާގެ ބޯހަރުކަން ދައްކަވައި ވިދާޅުވީ އިޒުރޭލަށް ބަޔަކު ދޭ ލަފާ އަޑުއަހަން މަޖުބޫރު ނުވާނެ ކަމަށެވެ. އަދި އާބާދީތައް އިތުރުކުރުމަށް ސަރުކާރުން ފަށާފައި ހުރި މަޝްރޫއުތައް ފުރިހަމަ ދުވެލީގައި ކުރިއަށް ދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ބެންޖަމިން ނަތަންޔާހޫ މިހެން ވިދާޅުވި ނަމަވެސް އައިސީޖޭ އަދި އދ ފަދަ އިދާރާތަކުން އިޒުރޭލާ ދެކޮޅަށް ނެރޭ ބަޔާންތަކުން ދުނިޔޭގެ ޕްރެޝަރު އެ މީހުންނަށް ބޮޑުވާނެ އެވެ. އަދި ބައިނަލްއަގްވާމީ މާހައުލުގައި ފެތުރިގަތުމަށް ކޮންމެވެސް ވަރެއްގެ ހުރަސްތަކެއް ކުރިމަތިވާނެ އެވެ.

އިޒުރޭލުން މިހާރު ޣައްޒާއަށް ދެމުންދާ ހަމަލާތަކަކީ ވެސް އެމެރިކާ އާއި އިނގިރޭސިވިލާތުން ސްޕޮންސާކޮށްގެން ކުރާ ހަނގުރާމަ އެކެވެ. ފަލަސްތީނަށް ނިކަމެތި ހާލު ޖެއްސުމަށް އިޒުރޭލަށް އެންމެ ބޮޑަށް އެހީތެރިވަނީ ވެސް އެމެރިކާ އާއި އިނގިރޭސިންނެވެ.

މުޅި ދުނިޔެ ހަލާކުކުރާ ބަޔަކީ ވެސް އިނގިރޭސިންނާއި ހުޅަނގެވެ.