އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަންގާރަ ދުވަހު ދެއްވި ވަރުގެ ތާކުންތާކު ނުޖެހޭ ތަގުރީރެއް ބޭރު ގައުމެއްގެ އެއްވެސް ލީޑަރަކު ދެއްވާފައި ނުވާ ކަމަށް މަޖިލީހުގެ ކުރީގެ ރައީސް ނާންސީ ޕެލޯސި ވިދާޅުވެއްޖެ އެވެ.
ނަތަންޔާހޫ އެމެރިކާއަށް ވަޑައިގަތީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ލީޑަރުން ދެއްވި ދައުވަތަކަށެވެ.
ބޭރު ގައުމުތަކުގެ ވެރިންނަށް ދައުވަތު ދެއްވައި މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ފުރުސަތުދެއްވުމަކީ މަޖިލީސް ތަކުގައި އާންމުކޮށް ކުރާ ކަމެއް ނޫނެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ނަތަންޔާހޫއަށް ފުރުސަތުދިނުމުން ދުނިޔެ އޮތީ ހައިރާންވެފަ އެވެ. ސަބަބަކީ އިޒުރޭލުން ފަލަސްތީންގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި 39،100 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު ނަތަންޔާހޫ އަކީ ހަނގުރާމައިގެ ކުށްވެރިއެއް ކަމަށް ދުނިޔެ ގަބޫލުުރާތީ އެވެ.
މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ނަތަންޔާހޫއަށް ދިން ފުރަސަތަކީ އިޒުރޭލުގެ ކުށެއް ނެތްކަން ދުނިޔެއަށް ސާބިތުކޮށްދިނުމަށް އެމެރިކާއިން ކުރާ މަސައްކަތުގެ ބޮޅެކެވެ. ނަމަވެސް ފަލަސްތީން ރައްޔިތުންގެ ލެއިން ދެ އަތް ތަތްތެޅިފައި ހުރި މީހަކު ގާނޫނު ހަދާ މަޖިލީހަށް ވެއްދުމާ މެދު އެ މަޖިލީހުގެ ބައެއް މެންބަރުންވެސް އިންކާރު ކުރެއްވި އެވެ.
މިގޮތުން ނާންސީ ޕެލޯސީ ފަދަ ބައެއް މެމްބަރުން ނަތަންޔާހޫގެ ތަގުރީރަށް ވަޑައެއްވެސް ނުގަންނަވަ އެވެ.
ޕެލޯސީ ވިދާޅުވި ގޮތުގައި އެމެރިކާއަށް ވަޑައިގެން މަޖިލީހުގެ މެމްބަރުންނަށް ލެކްޗަރު ދެއްވުމަށް ވުރެ ނަތަންޔާހޫގެ މައްޗަށް އޮތް ވާޖިބަކީ ހަމާސްގެ އަތްދަށުގައި ތިބި އަސީރުން މިނިވަންކުރުމެވެ.
މަޖިލީސްތަކުގައި ތަގުރީރު ކުރެއްވުމަކީ އިޒުރޭގެ ބޮޑުވަޒީރުގެ ކިބައިން ރައްޔިތުން އެދޭ ކަމެއް ނޫން ކަމަށްވެސް ޕެލޯސީ ވިދާޅުވި އެވެ. އާންމުންގެ ކަންބޮޑުވުވަކީ އަސީރުވެފައި ތިބި ދަރިން އަނބުރާ އާއިލާތަކަށް ގެންގޮސްދިނުން ކަމަށްވެސް ވިދާޅުވި އެވެ.
ނަތަންޔާހޫ ދެކެވަޑައިގަންނަވާ ގޮތުގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރެއްވުމަކީ ލިބިވަޑައިގެންނެވި ޝަރަފެކެވެ. ނަމަވެސް މަޖިލީހުގެ އެތެރެ އާއި ބޭރުން އޭނާއަށް ކުރިމަތިވެ ވަޑައިގަތީ ޕްރެޝަރެވެ.
މަޖިލީހަށް ވަޑައިގެންނެވި މަގުތައް ވެސް އޮތީ ހަޅޭއްކުގެ އަޑުން ގުގުމާފަ އެވެ. ނަތަންޔާހޫ އަކީ "ގާތިލެއް"، "ކުށްވެރިއެއް"، "ލޭބޯ މީހެއް"، އަދި "އިބިލީހެއް" ފަދަ ބޯޑުތަކުން މަޖިލީސް ކައިރިވެސް އޮތީ ފުރިފަ އެވެ.