ހަބަރު

ހިމާޔަތްކޮށްފައިވާ މިޔަރުތަކެއް ހިފައިގެން އުޅުނު ޓޫރިސްޓުންގެ ބަޔަކު ހޫނުފެނަށް!

އއ. މާޅޮހަށް އަރާ ވެލާތައް ހިފައި، އެ ވެލާތައް ފަޅައި، އޭގެ ބިސްތައް ނަގައި، ބޮއެ، ކާ ވާހަކަ ދެއްކުމުން ދިވެހިންގެ ތެރެއިން ބަޔަކު ބުނީ އެއީ އެއްވެސް މައްސަލައެއް ނޫނޭނެ އެވެ. އެއީ ވެލަޔަކީ މާތް ﷲ އަހަރެމެން އިންސާނުންނަށް ލައްވާފައިވާ "މީރު" ރިޒުގެކޭ އެވެ. ވީހާ ވެސް ގިނައިން ވެލާތައް ހިފައި މަރައި ފަޅައިގެން ކާންވީއޭ އެވެ. 

މިވާހަކައިގެ އަޑު ކެނޑުނުތަނުން އަނެއްކާވެސް ސޯޝަލް މީޑިއާގައި ދިވެހިންގެ ގިނަ އަދަދެއް ބަޔަކު މި ވަނީ ހަމަ މިފަދަ މައްސަލައެއްގައި މިއަދު ރަތަށް އަރައިފަ އެވެ. މިފަހަރު ދިވެހިންގެ ބަޔަކު ވެލައެއް ފަޅާލައިގެން ކާލީކީއެއް ނޫނެވެ.

ރާއްޖެ އައި ޓޫރިސްޓުންގެ ބަޔަކު ގޮވައިގެން ނައިޓް ފިޝިން އަށް ދިޔަ ސަފާރީއެއްގައި ދިވެހިންގެ ބަޔަކު މިޔަރާއި މަޑި ބޭނުމަށް ފަހު "ކުޅޭކުޅޭ އެއްޗެހިތަކެއްގެ ގޮތުގައި" މި ޓޫރިސްޓުންގެ އުނގަށް މި މަސްތައް އެއްލައިލީމަ އެވެ. މި މިޔަރުތަކާއި މަޑިތަކަށް އިހާނެތި ގޮތްގޮތް ހަދައި އެ އެއްޗެހިތަކާއެކު ޓޫރިސްޓުން ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެ ވައިރަހެއްހެން އެނބުރެމުންދާއިރު މިކަން މައްސަލަ ހަދައި ކަންބޮޑުވުން ފާޅުކުރަމުންދާނީކީ ތިމާވެއްޓަށް ލޯބިކުރާ ދެ ތިން ދިވެހިންނެއް ވެސް ނޫނެވެ.

ދިވެހިންނާއެކު ގިނަ އަދަދަކަށް ބޭރު ގައުމުތަކުގެ މީހުން ވެސް ދަނީ މި ފޮޓޯތަކުގެ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ހިޔާލުބަދަލުކުރަމުންނެވެ.

އެންވަޔަރޮމެންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ މި މައްސަލަ އެ ފަރާތުގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމަށާއި، މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކާ ރަސްމީ ސިފައެއްގައި މިހާރު ވާހަކަ ދައްކަމުން ގެންދަވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ މައުލޫމާތަށް ބަލާއިރު މި އަމަލު ހިންގާފައި ވަނީ ބޮލޭރޯ ސަފާރީ ނަމަކަށް ދިޔާ ސަފާރީއަކުން ނައިޓް ފިޝިން އަށް ދިޔަ ޓޫރިސްޓުންގެ ބަޔަކާއި އޭގެ ދިވެހި ފަޅުވެރިން ގުޅިގެންނެވެ. ނައީމް ވިދާޅުވީ މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކާ ވާހަކަ ދެއްކި ނަމަވެސް މި މައްސަލަ އަށް ހައްލެއް ލިބިދާނެ ކަމުގެ މާ ބޮޑު އުއްމީދެއް ނެތް ކަމަށެވެ.

"އެއީ އެއްވެސް ބަޔަކު އެއްބަހެއް ނުވޭ މިފަދަ ކަމެއް ކުރާ ކަމަކަށް. ފޮޓޯ އާއި ވީޑިއޯ އިން ފެންނަ މީހާ ވެސް މި ބުނަނީ އެއީ ފޭކު ފޮޓޯއެކޭ ނުވަތަ ހަދާފައިވާ ވީޑިއޯއެކޭ،" އަވަސް އަށް މައުލޫމާތު ދެއްވަމުން ނައީމް ވިދާޅުވި އެވެ.

"އެހެންވީމަ މިފަދަ ކަންކަމުގައި އާންމުކޮށް އަޅުގަނޑުމެންނަށް ޖެހެނީ ނަސޭހަތް ދީފައި ނިންމާލަން."

އޭނާ ވިދާޅުވީ މާޅޮހުގައި ވެލާ ހިފައި ކެއި މައްސަލާގައި ސުވާލުކުރުމުން ވެސް އެކަން ކުރި ބަޔަކު އެކަމަށް އެއްބަހެއް ނުވި ކަމަށެވެ. މާޅޮހުން ވެސް ބުނީ އާންމުވި ފޮޓޯތަކަކީ ފޭކު ފޮޓޯތަކެއް ކަމަށެވެ.

ކޮންމެއަކަސް ވެލާ އާއި މިޔަރާއި މަޑި ފަދަ މޫދުގެ ދިރުންތަކަކީ ރާއްޖޭގައި ގާނޫނެއްގެ ދަށުން ހިމާޔަތް ލިބިފައިވާ މަސްމަހާމެއްސެވެ.

"އެގޮތަށް ނައިޓް ފިޝިންއަށް ގޮސް އުޅެނިކޮށް މިޔަރެއް ނުވަތަ މަޑިއެއް ބޭނިއްޖެ ނަމަ ހަދަން ޖެހޭ ގޮތަކީ ކަންވާރު ކަނޑާލާފައި އެ މަހެއް ދޫކޮށްލުން. އެއްގޮތަކަށް ވެސް އެ މަސް ދަމައި ގެނެސް ނަގައިގެން ކިހިލިޖަހައިގެން އެގޮތަކަށް ނުގެންގުޅެވޭނެ،" ސަފާރީން ސައިޓް ފިޝިން އަށް ގޮސް މިޔަރާއި މަޑި ފަދަ މަސްތައް ބާނައިގެން ޓޫރިސްޓުން ނަގާފައިވާ ފޮޓޯތަކަށް އިޝާރާތްކުރައްވަމުން ނައީމް ވިދާޅުވި އެވެ.

"މިއީ ވަރަށް ދެރަ ކަމެއް. އަހަންނަކަށް ނޭނގޭ މި ފޮޓޯތަކުގައި އެ މީހުން ހިނިއައިސްފައި ތިބޭ ގޮތެއް ވެސް. އަޅެ ކީއްވެތަ އެމީހުންނަށް ނުވިސްނެނީ ހިފައިގެން އެ އުޅެނީ ވެސް ހަމަ ދިރޭ އެއްޗެހިތަކެއް ހެން،" ސަފާރީގައި ގޮސް މިޔަރާއި މަޑި ބޭނި ޓޫރިސްޓުންގެ ފޮޓޯތަކަށް ވިކީ ލޯ ޓާގެ ނަމުގައި ފޭސްބުކްގައި ކޮމެންޓް ކޮށްފައިވާ ފަރާތުން ބުނެފައި ވަނީ މިހެންނެވެ.

މިގޮތަށް ކޮމެންޓްކޮށްފައިވާ ބޭރުގެ ބައެއް ފަރާތްތަކުން ވަނީ މި ފޮޓޯތަކުން ފެންނަ ޓޫރިސްޓުން ހައްޔަރުކުރުމަށް ވެސް ގޮވާލައިފަ އެވެ.

ރައްދުގައި މީގެ ތެރެއިން ބައެއް ޓޫރިސްޓުން އެމީހުންގެ ފޭސްބުކް ޕޭޖުތަކުގައި ބުނަމުން ދަނީ އެމީހުންނަށް ބޭނުނު މިޔަރާއި މަޑި ފަދަ މަސްތަކަށް އެއްވެސް ގެއްލުމެއް ނުދީ ކަނޑަށް ދޫކޮށްލާފައިވާ ކަމަށެވެ.

"އެއްލާލާފައި އޮންނަ ބުޅީގައި އައިސް ގަންނަ މަހުގެ ވައްތަރު ކަނޑައެޅުމަކީ އެއްވެސް މީހެއްގެ ބާރުގެ ދަށުގައި އޮންނަ ކަމެއް ނޫން. މިޔަރު ބޭނުނީ ސީދާ މިޔަރު ބާނަން ގޮސްގެނެއް ނޫން. އަދި އޭގެ އުރަހަ ނަގާކަށް ވެސް ނޫން. އެ މަސްތައް ވަނީ އެ ތަކެތި ނިސްބަތްވާ މަންޒިލަށް ދޫކޮށްލާފައި،" ފޮޓޯތަކަށް އަމާޒުވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދެމުން އޭގެ ތެރެއިން ޓޫރިސްޓަކު ބުނެފައިވެ އެވެ.

އާންމުވެފައިވާ ފޮޓޯތަކުން އަދި ވީޑިއޯތަކުން ވެސް، މިޔަރާއި އެހެން ބާވަތުގެ މަސްތައް މަރާލައިގެން އުޅޭ މަންޒަރެއް ނުފެނެ އެވެ. އަދި މިޔަރުތައް ހިފުމަށް ފަހު އެ އެއްޗެހިތަކާ އެކު ފޮޓޯ ނަގައި ނިމިގެން ކަނޑަށް ދޫކޮށްލާ މަންޒަރު ވެސް ފެނެ އެވެ.

ނަމަވެސް އެންމެން ވެސް ބުނަނީ މިޔަރެއް ބޭނުނަސް އެއާ އެކު ސެލްފީއެއް ނަގަން އޭތި ކިހިލީގައި ޖަހާކަށް ނުޖެހޭ ކަމަށެވެ. މިޔަރާއި މަޑި އަށް އިހާނެތިކޮށް ހިތި މައްސަލާގައި އެންމެން ވެސް ތިބީ ރުޅިގަދަވެފަ އެވެ.